5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވި ރައީސް ޔާމިން ދާދި ދެންމެއަކު ގެއަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސުން މިރޭ ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދެވި ރައީސް ޔާމިން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ ކަމަށެވެ.

“އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފަ.” ކަރެކްޝަނުން މިރޭކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

ރައީސް ޔާމިން ގެއަށް ވެދެވަޑައިގެން ކުޑަދޮރުން، އެސަރަހައްދުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅު ހޫރުވައިލައްވައި އެމީހުންނާ ސަލާމް ކޮށްލެއްވި މަންޒަރު ވެސް ފެނިގެންދިޔައެވެ.



ރައީސް ޔާމިން ގެއަށް ބަދަލު ކުރެއްވީ ކިހާ ދުވަހަކަށް ކަމެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ޕީޕީއެމުން ވެސް މިކަމާބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައީސް ޔާމިން ގެއަށް ބަދަލުކުރި ފަހުން އެސަރަހައްދުގައި ހުންނަވައި ކުރީގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވީ ޔާމިން ގެއަށް ބަދަލުކުރި ނަމަވެސް އެމަނިކުފާނު މިނިވަން ކުރަންދެން އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތައް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ކުރިއަށްއޮތީ ރޯދަމަހުގެ ފަހު 10ގެ ދުވަސްތައް ކަމަށްވާތީ ރޯދަމަސް ނިމެންދެން އިހުތިޖާޖު މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ދެން އަޅުގަނޑުމެންގެ އިހުތިޖާޖުތައް ފެށޭނީ ރޯދައިގެ ފަހުން. ވަޅުޢީދު ދުވަހު މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް އޮންނާނެ.” މުހައްމަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން