ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެ ކައިރިއަށް އެއްވެ، އޭނާގެ އިސްތިއުފާއަށް ގޮވާލައި ބަޔަކު މިރޭ މުޒާހަރާކޮށްފިއެވެ.

ހުޅުމާލޭގައި މައިމޫނާ ދިރިއުޅުއްވާ ފްލެޓް ކައިރިއަށް ބަޔަކު އެއްވެ އިހުތިޖާޖު ކުރުމުން އެ ސަރަހައްދުގައި ފުލުހުން މިރޭ ވަނީ ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނީ މައިމޫނާ ދިރިއުޅުއްވާ ގެ ކައިރީގައި ބަޔަކު މުޒާހަރާ ކުރަމުންދާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޒުވާނުންތަކެއް އެ ގޭ ކައިރިއަށް އެެއްވެ، އެޗްޕީއޭގެ އުސޫލުތަކާ މެދު ނުރުހުން ފާޅުކޮށް މައިމޫނާގެ އިސްތިއުފާ އަށް ވަނީ ގޮވާލާފައެވެ. ބަޔަކު މައިމޫނާ ދިރިއުޅުއްވާ ގެ ކައިރިއަށް އެއްވެފައިވަނީ ހުޅުމާލޭގައި ކުރިއަށްދާ އެލްއެފް ފުޓްސަލް ކަޕް 2021 ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ކަމަށް ބުނެ ފުލުހުން ގޮސް މުބާރާތުގެ ކުޅުން މިރޭ ހުއްޓުވުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެ މުޒާހަރާ ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.



މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މައިމޫނާ ދިރިއުޅުއްވާ ގެ ކައިރިއަށް އެއްވެ މީގެކުރިން މުޒާހަރާކޮށްފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު މާލޭގައި ފެތުރެމުންދާއިރު ވެސް އެޗްޕީއޭއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން