ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަކީ ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކުރަން ހުޅުވިގެން ދިޔަ ދޮރެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްފައިވަނީ ރޭ އިރާކޮޅުއެވެ. އެކަމާ ގުޅިގެން ޑރ ޝަހީމް ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ޢާއިލާގެ އަރިހަށް ވަަަަޑައިގެންނެވުމަކީ އުފާވެރިކަންހުރި ކަމެއް ކަމަށާއި ސަރުކާރުގެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އުންމީދަކީ އަނބުރާ ރައީސް ޔާމީން ޖަލަށް ނުގެންދިއުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިއީ ކޮވިޑް-19 ކާރިސާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށްޓަކައި، ޤައުމުގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ޤައުމީ އެއްބައިވަންތަ ކަމުގެ ސަފުތައް ބަދަހިކުރަން ހުޅުވިގެން ދިޔަ ދޮރެއް. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ރައީސް ޔާމީނަށް އިންޞާފު ލިބިވަަޑައިގެން މިނިވަންވެވަޑައިގެން ޤައުމީ ޚިދުމަތަށް އެނބުރި ވަޑައިގަތުމުގެ ތައުފީޤު ދެއްވުން." އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ދިވެހި ޤައުމީ ޙަޔާތުގައި ނުހަނު ޚިދުމަތްތެރި މުހިންމު ޝަހުޞިއްޔަތެއް ކަމަށާއި އެމަނިކުފާނަކީ އިޤުތިޞާދީ މުފައްކިރެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

500 އަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވުމަށްފަހު ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްފައިވާއިރު އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާއިން ތަކުރާރުކޮށް އެތައް ފަހަރަކު ވަނީ އެދިފައެވެ. ރަމަޟާން މަހުގެ ކުރިންވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދި އާއިލާއިން ސަރުކާރުގެ އެތައް އިދާރާއަކަށް ސިޓީތަކެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް ރައީސް ޔާޟިން ގެއަށް ބަދަލުކުރީ އެ ހުށައެޅުންތަކާއި ގުޅިގެން ނޫންކަން ކަރެކްޝަންގެ ވާހަކަތަކުން ކަށަވަރުވެއެވެ.

ކަރެކްޝަނަލް ސަރވިސުން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދެވި ރައީސް ޔާމިން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ ކަމަށެވެ. ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް މިހާރު ވަނީ ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. ރައީސް ޔާމީނަށް ދަށުކޯޓުން އިއްވި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ވަނީ އެހުކުމް ދަމަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން