އަހުމަދު މަސްނޫމް   30 އޭޕްރީލު 2021 - 17:34
ސަރުކާރުން ރިސޯޓެއް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުސް އޮފީހުން ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވީ ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް، ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ނުވަތަ 15.3 މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެ ރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިދިޔަ އަންގާރަދުވަހު ފޮނުވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.



ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް ޕީޖީއަށް ފޮނުވާފައިވާއިރު، މިހާރުވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އިތުރު މައްސަލަތަކެއްގައި ދައުވާކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން