އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ސިޔާސީ އިސްލާހީ ހަރަކާތް، ޑީއެންއޭގެ ސިސްޓަމް ހެކް ކުރުމާއި ގުޅިގެން އުތުރުތިލަފަޅު އެއްބަސްވުމުގެ ތަރުޖަމާ ލޯންޗުކުރުން ފަސްކޮށްފިއެވެ.

ދިވެހި ނެޝަނަލް އެކްޝަން، ޑީއެންއޭ ހިންގުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ޑީއެންއޭގެ ސިސްޓަމް ހެކްކުރުމާއި ގުޅިގެން ރޭ ބާއްވަން ހަމަޖެހުނު ޔޫޓީއެފް އެގްރީމެންޓްގެ ތަރުޖަމާ ލޯންޗުކުރުން ފަސްކޮށްފައިވާކަމަށެވެ. ލޯންޗް ކުރުން ފަސްކޮށްފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގެ ތަރުޖަމާ އަންނަ ހަފްތާގައި ލޯންޗު ކުރާނެ ކަމަށް ޑީއެންއޭއިން ބުނެފައި ވެއެވެ.

"ޑީއެންއޭގެ ސިސްޓަމް ހެކްކުރުމާއި ގުޅިހެން މިރޭ ބާއްވަން ހަމަޖެހުނު ޔޫޓީއެފްގެ ތަރުޖަމާ ލޯންޗުކުރުން އަންނަ ހަފްތާއަށް ފަސްކޮށްފީމެވެ. އަންނަ ހަފްތާގައި މި އިވެންޓް އަލުން ގެނެސްދޭނަމެވެ." އުމަރު ނަސީރު ރޭ ވިދާޅުވެފައި ވެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއްކަމަށް ވިދާޅުވެ މީގެކުރިން ލިޔުންތަކެއް ވެސް ލީކުކޮށްލާފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ އެއީ އަސްލެއް ނެތް ލިޔުންތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް ޞާލިހު ވެސް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން ލިބޭފަދަ އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށެވެ. އަދި އެ އެއްބަސްވުމާއި ގުޅޭ މައުލޫމާތު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާއި ހިއްސާ ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން ގެންދަވަނީ އެ ޔޫޓީއެފް އެއްބަސްވުން ރައްޔިތުންގެ މަޖިލީހާވެސް ހިއްސާ ނުކުރަށްވާތީ އެކަމަށް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން