އަހުމަދު މަސްނޫމް   30 އޭޕްރީލު 2021 - 19:30
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ނަގާ ވޯޓެއްގައި ބަރުލަމާނީ ނިޒާމު ބޮޑުތަނުން ބަލިވާނެކަމަށް ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ބޮޑު ބަހުސެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާއިރު، ސިޔާސީ އެހެން ގިނަ ބޭފުޅުން ތާޢީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން ބަރުލަމާނީއަށް ތާއީދުކުރާ ފަރާތްތަކުން މިހާރުވަނީ ބަރުލަމާނީ ނިޒާމުގެ ކެމްޕޭންވެސް ފަށާފައެވެ.

ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރުކުމާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަގާ ފެންނަ ނުފެންނަ ވޯޓްގައި ބަރުލަމާނީ ބޮޑުތަނުން ބަލިވާނެކަމަށެވެ. އަދި ކެމްޕޭނަށް ކިތަންމެ ފައިސާއެއް ޚަރަދުކުރިޔަސް ރައްޔިތުންގެ ތާޢީދެއް ނުލިބޭނެކަމަށް ރުކުމާ ވިދާޅުވިއެވެ.

"ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓްގައި ބަރުލަމާނީ ބޮޑުތަނުން ބަލިވާނެއެވެ. ބައިތުލް މާލާއި އަލަށް ޗާޕްކުރާ ފައިސާ ކެމްޕެއިނަށް ތަޅާ ބުރުވިޔަސް ރައްޔިތުންގެ ހިތްތަކުން ޖާގަ ލިބޭކަށް ނެތް. ރައްޔިތުން ތިބީ އިދިކީލިކޮށް." ރުކުމާ ވިދާޅުވިއެވެ.



ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ބައެއް ބޭފުޅުން މަސައްކަތްކުރަމުންދާއިރު، އެކަން ކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދަންނަވާފައެވެ. އެހުށައެޅުމަށް ރައީސް ޞާލިހު އެއްބަސްވެ ވަޑައިނުގެންނެވުމުން ލީޑަރޝިޕްގެ ވިސްނުން ދެކަފިވެފައިވާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމާލާތައްވެސް އަންނަނީ ބަދަލު ކުރެވެމުންނެވެ. އަދި ފާޅުގައި މީޑިއާ ތަކުގައި ދެފަރާތުން ގެންދަވަނީ އެ މައުޟޫގައި ބަހުސް ކުރަށްވަމުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން ގަބޫލުކުރާ ގޮތުގައި ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމުގެ ދަށުން ރައީސް ނަޝީދާއި ގައުމު ހިންގުން ހަވާލުކުރުމަކީ ރައީސް ޞާލިހު ކަންކުރަށްވަން ޖެހިވަޑައިގަންނަވާނެ ގޮތެވެ. އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދެބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާ ގޮތް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. އަދި މިހާރު ރައީސް ނަޝީދާއި ވެރިކަން ހަވާލު ނުކުރަށްވައިފިނަމަ ދެން މިވެރިކަން ނުދެމެހެއްޓޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއެވެ. އަދި ވޯޓު ލާފައިވަނީ 155،890 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން