ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑުތަކާއެކު އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް މާނަފުން ޓްވީޓެއް މިއަދު ކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން މިފަދަ ޓްވީޓެއް ކުރަށްވާފައި މިވަނީ ކޯލިޝަނަށް ލޮޅުން އަރާފަދަ ބަދަލުތަކެއް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މިވާހަކަ ރައީސް ޞާލިޙު ކޯލިޝަން ލީޑަރުންނާ ހިއްސާ ކުރަށްވާފައިވާ ކަމަށް ވެސް އަޑުތައް އިވެމުން ދެއެވެ.

އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާ، އަނެކުން ނިކަމެތިކޮށް ހައްޤުތަކުން މަހްރޫމް ކުރަންވީ ސަަބަބެއް ނޫންކަމަށެވެ. އަދި ނާކާމިޔާބެއް ލިބުމަކީ ހާސްވެ، ގޮތް ހުސްވެ، މާޔޫސްވެ، ތިމާއާއި ތިމާގެ ޖަމާޢަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަަބަބެއްވެސް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.



އިމްރާން މިގޮތަށް ޓްވީޓް ކުރެއްވިއިރު، އިމްރާން ވިދާޅުވި ބަސްތަކުގެ މާނައާ ބެހޭގޮތުންވެސް ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. މިގޮތުން ކުރީގެ މެމްބަރު ރުކުމާ މިޓްވީޓަށް އިޝަރާތްކުރައްވައި ވިދާޅުވީ "ތިޔަ ބުނެލާ ބަހުގެ ފުންކަމުން އިރުގެ ދޯދި ނުފޯރާ" ކަމަށެވެ. އަދި އިމްރާން ވިދާޅުވާން އުޅޭ އެއްޗެއް އެއަށްވުރެ އެންމެ އިންޗިއެއް ތިލަވިޔަސް ޝިކާރަވުމުގެ ބިރު އެބައޮތްކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ނަސޭހަތަކީ އަދިވެސް ކުޑަކޮށް ކެމޮފްލާޖް ވެލާށޭ." ރުކުމާ ވިދާޅުވިއެވެ.



ބައެއް ފަރާތްތަަކުން ބުނާގޮތުން ސަރުކާރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެއެވެ. އެގޮތުން ބައެއް ވުޒާރާތައް ހިންގަވަން ތިބި ވަޒީރުން ބަދަލުކޮށް، ނުވަތަ ވަކިކުރުން އެކަށީގެންވެއެވެ. ނަމަވެސް ސަރުކާރުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކަދައްްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން