2021 ވަނަ އަހަރަކީ މަސައްކަތްތެރިންނަށް އުންމީދީ އަހަރަކަށް ވެގެންދާނެ ކަމަށާއި އެގޮތުން މުހިންމު ދެ ގާނޫނެއް މިއަހަރު ފާސްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް، މޭޑޭއާއި ގުޅިގެން އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ 2021 ވަނަ އަހަރު ނިމެންވާއިރު އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމްކުރާ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ބޭނުންވާ މުހިންމު ދެ ގާނޫނެއް މިއަހަރު ތެރޭގައި މަޖިލީހުން ފާސްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ވުޖޫދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި މަސައްކަތްތެރީންނާ ގުޅޭ ދެގާނޫނަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެވެ.



މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ އިސްލާހު ހިމެނެއެވެ. ގާނޫނު ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެމަތިން މިނިސްޓަރ ކަނޑައަޅަންޖެހޭނެއެވެ. ގާނޫނުގައި ބުނާގޮތުން މިކަމާއި ގުޅިގެން މިނިސްޓަރ ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ވަނީ 4000 އާއި 8000 ރުފިޔާ އާ ދެމެދުގެ އަދަދެއް އެންމެދަށް މުސާރައިގެ ގޮތުގައި ކަނޑައެޅުމަށް ނިއްމާފައެވެ. 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖު ކަނޑަޅުން ލާޒިމުވާނެގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މަސައްކަތްތެރީންގެ އެންމެ ދަށް މުސާރަ ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 އާއި ރައީސްގެ ރިޔާސީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން