މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަން ކުރައްވަން ދެ ބޭފުޅެއްގެ ނަން ޖުމްހޫރީ ޕާޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާއިރު އޭގެތެރޭގައި އައިޓީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރަށްވާފައިވާ ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށް "ރަސް އޮންލައިން" އަށް ކަށަވަރުވެއްޖެއެވެ.

ޖޭޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ޞާލިހުގެ ކެބިނެޓުން ހުސްވެފައިވާ ޖޭޕީގެ ސައިންސް އެންޑް ޓެކްނޯލޮޖީ ވަޒީރުގެ ސްލޮޓަށް ދެ ބޭފުޅެއްގެނަން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް މިހާރު ފޮނުއްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ސައިންސް މިނިސްޓްރީއަށް އައްޔަން ކުރަން ރައީސަށް ޖޭޕީން ނަންތަކެއް ފޮނުވާފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި ޖޭޕީގެ މުހައްމަދު މަލީހު ޖަމާލު މިދިޔަ މާޗް މަހުގެ 1 ގައި މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ދުރު ކޮށްފައިވާތީއެވެ.

ޖޭޕީގެ އޮފިޝަލް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ދެ ބޭފުޅެއްގެ ނަން ފޮނުއްވެވީ ރައީސް ސޯލިހްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. "ރަސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މީގެތެރެއިން އެއްބޭފުޅަކީ ވިލާ ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އައިޓީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރަށްވާފައިވާ ބޭފުޅެކެވެ.

ސައިންސް މިިނިސްޓަރުކަމަށް ބޭފުޅެއް ހަމަޖެއްސުމަށް ޖޭޕީން ރައީސަށް ނަންތަކެއް ފޮނުވާފައިވާއިރު، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން ބައެއް ވަޒީރުން ދުރުކޮށް، ނޫނީ މިނިސްޓްރީތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރު ތެރޭގައި ކުރިއަށްދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން