ވެކްސިން ޖެހުމަށް ހެދިފައިވާ ކިއުއެއް. - (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ވެކްސިން ޖެހުމަށް ހެދިފައިވާ ކިއުއެއް. - (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ރާއްޖޭގައި އެއްލަކަށްއަށްވުރެ ގިނަމީހުން ވެކްސިނުގެ ދެޑޯޒް ފުރިހަމަކުރި ނަމަވެސް ވެކްސިން ޖެހުމަށް ވަރަށް ބޮޑެތި ތަކުލީފުތައް މިހާރުވެސް އުފުލަން ޖެހޭކަމަށްބުނެ އާންމުންގެ ޝަކުވާ އިތުރުވާން ފަށައިފިއެވެ.

މިގޮތުން ކުއްލިއަކަށް ވެކްސިން ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދުން ހުއްޓާލައި، ހައިރިސްކު މީހާވެސް ގޮސް އާންމުންނާއި މަސްހުނިވެ ކިއުގައި ޖެހެން ޖެހޭގޮތަށް އޮތުމުން، ރާއްޖޭގެ ސިއްހީ އިދާރާތަކުން މިބައްޔާމެދު އޮތް ބިރުވެރިކަން ކުޑަވީތޯ އެއްބަޔަކު ސުވާލުކުރަމުންދާއިރު، އަނެއްބަޔަކު ތުހުމަތު ކުރަނީ މިއީ ސިއްހީ އިދާރާތަކުން ވަމުންދާ އިހުމާލެއް ކަމަށެވެ.



އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 296،529 މީހަކު ވަނީ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި މީގެތެރެއިން 101،346 މީހަކު މިހާރުވަނީ ކޮވިޑު ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކޮށްފައެވެ.

މިއަދުތަކާއިއެކުވެސް، ވެކްސިނުގެ ދެވަނަ ޑޯޒު ޖަހަން ދާމީހުން މަދުކަމަށް ފާހަގަކޮށް، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކުން އެޕޮއިންޓަމަންޓް ހެދުމަށްފަހު ވެކްސިން ޖަހަން ނާންނަކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ވެކްސިނުގެ ދެވަނަ ޑޯޒު ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުން ހުއްޓާލައި ކުރިންވެސް އެކަން ކުރިއަށް ގެންދިޔަގޮތަށް ބަދަލުކޮށް ކިއުގައި ޖެހިގެން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ނަމަވެސް ވެކްސިން ޖެހުމަށް ރޭގަނޑު 9 ޖަހާއިރު ދޫކުރާ ނަމްބަރު ހޯދުމަށް ރޭގަނޑު 7 ޖެހީއްސުރެ ވެކްސިން ސެންޓަރުތަކުގެ ކައިރިއަށް މީހުން ޖަމާވަމުންގޮސް ލޮލުކޮޅަށް ނުފެންނަވަރަށް ކިއު ހަދާލައެވެ. އަދި އެގޮތަށް ހަދާ ކިއުތައް ބެލެހެއްޓުމުގެ އެއްވެސް އިންތިޒާމެއް ނެތި އެންމެ ހައިރިސްކު މީހާވެސް އެހެން މީހުންނާ މަސްހުނިވެ ގައިގޯޅިކޮށް ކިއޫގައި ހުންނަން ޖެހޭތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ގިނަ މީހުން ބުނެފައިވަނީ މިކަންވެސް މި ހިނގަނީ އެޗްޕީއޭއިން ގެންގުޅޭ އެއްގޮތެއްގައި ނުދެމެހެއްޓޭ، އެކި މީހުންނާމެދު އެކިގޮތަށް އޮންނަ ކަރަންޓީން އުސޫލު ވެސް އޮންނަ ގޮތަށް ކަމަށެވެ. މިފަދަ ޓެކްނޮލޮޖީ ޒަމާނެއްގައި އަދި ރާއްޖޭގައި ދޭ ބޮޑެތި ޚިދުމަތްތައް ދިނުމުގައި ކިއުސިސްޓަމް ބޭނުންކޮށްގެން ސަރުކާރާއި ކުންފުނި ތަކާއި އަމިއްލަ ފަރާތްތަކުން ވެސް ޚިދުމަތް ދެމުން ގެންދާއިރު ވެކްސިން ޖަހަން ދޫކުރާ ކިއުނަމްބަރަށް މީހުން ނާންނާތީ ކަމަށްބުނެ ކިއު ސިސްޓަމްގެ ޚިދުމަތް އެޗްޕީއޭއިން ހުއްޓާލާފައި ދައްކާ ބަހަނާއަކީ އެއްވެސް ތާކުންތާކު ޖެހޭ ބަހަނާއެއް ނޫންކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

މީގެއިތުރުން ވެކްސިނުގެ ދެވަނަ ޑޯޒު ޖަހައިދޭ ވެކްސިން ސެންޓަރުތައް މަދުކުރަމުންދަނީ ވެކްސިން ހުސްވެގެންތޯ، އެޗްޕީއޭއާއި ސުވާލު ކުރުމުން، ވެކްސިން ހުސްނުވާކަމަށް ބުނެފައިވީނަމަވެސް ވެކްސިންގެ ސްޓޮކްގެ ބާކީ ހުރި އަދަދު ހާމަކުރުމަށް އެޗްޕީއޭއިން ވަނީ ފަސްޖެހިފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދިއުމާއިއެކު މިއީ އާންމުރައްޔިތުންނަށް މުހިންމު މައުލޫމާތެކެވެ. ހާއްސަގޮތެއްގައި އަވަށްޓެރި އިންޑިއާގައިވެސް ކޮވިޑުގެ އަދަދުތައް މައްޗަށް އަރައިގެން ދިޔައިރު، ވެކްސިން ހުސްވެ އެގައުމުގެ އެތައް ވެކްސިން ސެެންޓަރުތަކެއް ބަންދު ކުރާނެކަން އިއުލާންކޮށްފައިވާއިރު، ރާއްޖޭގެ ރައްޔިތުންވެސް ތިބީ މިފަދަ މައްސަލައެއް ދިމާވެދާނެތީ ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އެންމެފަހުން ސިއްހީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހެލްތު މިނިސްޓަރީން ވަނީ ރާއްޖެއިން ވެކްސިން ހުސްވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފައެވެ. ހެލްތުން މިހެން ބުނި ނަމަވެސް ރާއްޖެއިން ބޮޑުއަގު ދީފާ ގަތްކަމަށް ބުނާ ނުވަތަ ގަންނަން ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުން ހެދިކަމަށް ބުނާ ވެކްސިންތައް ވީ ހިސާބަކާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނުމަށް ސިއްހީ ވުޒާރާއިން ވަނީ ނުކުޅެދިފައެވެ. އެކަމަށް ޚަރަދުކުރީ ކިހާވަރެއް ކަމެއްވެސް އަދި ނޭނގެއެވެ.

މިކަމާގުޅިގެން މީސްމީޑިއާގައި ޚިޔާލުފާޅުކޮށް ފާޑުކިޔަމުންދާ ގިނަ ބަޔަކު ބުނަމުންދަނީ މިއީ ހެލްތުން ގަންނަން ފައިސާ ދެއްކި ވެންޓިލޭތަރުތަކަށް ވީގޮތަށް ހިނގާކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން