‏ރާއްޖެ ދުށް އެންމެ ފިނޑި ނައިބު ރައީސަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދުކަމަށް ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ރާއްޖެ ދުށް އެންމެ ވިސްނުންކޮށި ވެރިޔާއަކީ ރައީސް ސާލިހުކަމަށާއި، އެމަނިކުފާނުގެ ކިބައިން ސަލާމަތްވާންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވުމުން އެވާހަކައަށް ރަށްދެެއްވަމުންނެވެ.

އަލްހާން ވިދާޅުވީ ‏ރާއްޖެ ދުށް އެންމެ ފިނޑި ނައިބު ރައީސަކީ ޑރ. ޖަމީލުކަމަށާއި، ޖަމީލު އެޒާތު ވާހަކަ ދެއްކެވީމާ އަންނަނީ ހިނިކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ބަދަލުގައި ވަކީލަކު މަޖްލިހަށް ފޮނުއްވާ، ޤައުމު ދޫކޮށް ފިއްލެވި ހަމައެކަނި ނައިބު ރައީސަކި ޑރ. ޖަމީލު ކަމަށެވެ.

"‏ރާއްޖެ ދުށް އެންމެ ފިނޑި ނައިބު ރައީސް މިޒާތު ވާހަކަ ދެއްކެވީމަ އަންނަނީ ހިނި! އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ބަދަލުގައި ވަކީލަކު މަޖްލިހަށް ފޮނުއްވާ، ޤައުމު ދޫކޮށް ފިއްލެވި ހަމައެކަނި ނައިބު ރައީސް!" އަލްހާން ވިދާޅުވިއެވެ.

ރައީސް ސާލިހަށް ފާޑު ވިދާޅުވަމުން ޖަމީލު ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވެގެން ގޮސްފައިވާ ކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުޅުއްވަނީ އެމްޑީޕީގެ އެކްޓިވިސްޓުން އުފާކޮށްދެއްވުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ޑރ. ޖަމީލު އެ އިޝާރާތް ކުރަށްވަނީ ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވި ނޫސްކޮންފަރެންސްގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންނަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދެއްވައިފި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް އިޝާރާތް ކުރަށްވައެވެ. ސަރުކާރުން ކަނޑައެޅިގެން ވަކި ބަޔަކަށް ވަޒީފާ ތަކެއް ދިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

އެހެންކަމުން ޢާންމުންގެ ވަޒީފާގެ ހައްޤުގައި، ރާއްޖެ ދުށް އެންމެ ވިސްނުންކޮށި ވެރިޔާގެ ކިބައިން ސަލާމަތްވާންޖެހޭކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން