ޖިންސީގޯނާ އާ ދެކޮޅަށް މިހާރު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ޝޯޝަލް މީޑިޔާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.



މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މިރޭ ކުރަމުންދިޔަ މުޒާހަރާ ކުރިއަށްގެންގޮސްފައި ވަނީ ރަސްފަންނު ކުރިމަތީގައެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު އެ ޒުވާނުން ތިބީ އެ މީހުންގެ ޝުއޫރު ފާޅު ކުރުމަށް ބެނާ ތަކެއް ހިފައިގެންނެވެ. މުޒާހަރާގެ ތެރެއިން ޝުމްބާގެ އިތުރުން އިތުރު ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.



ފުލުހުންގެ އިދާރާ އިން ބުނީ މިރޭ މުޒާހަރާގެ ބައިވެރިންނާ ފުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ޝުމްބާ ކުރި ޓުވީޓެއްގައި ބުނީ އޭނާ މިވަގުތު ހުރީ މާފަންނު ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން ޝޯޝަލް މީޑިޔާގައި ވަނީ ފާޑުކިޔުންތަށް އަމާޒުވެފައެވެ. އެގޮތުން އަންހެނުން ހައްޔަރުކުރުމަށް ފިރިހެން ފުލުހުން ހަރަކާތްތެރިވުމާއި ހާލަތާ ނުބައްދަލުގެ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވެއެވެ.

"އަންހެން ކުދިން ދަމާ ކޫއްތާފަ އޮރިޔާން ކޮށްފައެއް މަގުމަތިން ނުގެންދެވޭނެ، ފިރިހެން ފުލުހެއް އައިސް އަޅުގަނޑުގައިގާ ކޮޅުފައިން ޖަހާ، މިއީ ކޮންކަމެއް" ހިތްހަމަނުޖެހުން ފާޅުކުރި އަންހެނަކު ޓުވީޓާއި ބުނެފައިވެއެވެ.

ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކި ކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އަޑުއުފުލުމުގެ ގޮތުން ބޭއްވި ސުލްހަވެރި އެއްވުމެކެވެ.

އެއްވުން އިންތިޒާމު ކުރާ ފަރާތް ކަމަށްވާ "ރައިޒް އަޕް" މޫވްމެންޓްގެ ފަރާތުން ބުނެފައި ވަނީ އެ އެއްވުމުގައި ބައިވެރިންގެ އިހުސާސްތަކާއި ޝުއޫރުތައް ފާޅުކުރުމުގެ އިތުރުން ބައެއް ކަންކަމަށް ޑިމާންޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތު މާހައުލުގައި އުޅޭ އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމަށް ގޮވާލުން ހިމެނޭ ކަމަށް "ރައިޒް އަޕް" އިން ވަނީ ބުނެފައެވެ.

ރައިޒް އަޕް" މޫވްމެންޓަކީ ޖިންސީ ގޯނާތަކާއި ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދާ ހަރަކާތެއް ކަން ފާހަގަކޮށްލެވެއެެވެ. ރައިޒް އަޕް މޫވްމެންޓްގެ ފަރާތުން ވަނީ ނިމިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވެސް މިފަދަ އެއްވުމުގެ ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން