މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި އާންމުކޮށްފައިވާ މަންޒަރެއް
މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި އާންމުކޮށްފައިވާ މަންޒަރެއް
މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންގެ ބަޔަކު އިސްނަގައިގެން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކޮށްފައެވެ. މިގޮތުން ސީދާ ލޮލާއި ކައިރިކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، މުޒާހަރާގައި ހަރަކާތްތެރިވި އަންހެނެއް ބިންމައްޗަށް ވައްޓާލައި ބިޑި އެޅުވުމަށްފަހު އޭނާގެ ގައިގައި ފައިން ތެޅުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެެވެ. އެފަދަ މަންޒަރުތައް ފެންނަ ވިޑިއޯތަކާއި ފޮޓޯތައްވެސް މީސް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށްފައި ވެއެވެ.

މީގެ އިތުރުން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް އަނިޔާކޮށް، ނޫސްވެރިންނާއި ވެސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިންނާއި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ އިން މިހާރު ބަލަން ފަށާފައިކަމަށެވެ. ފުލުހުން ބުނީ މިރޭގެ މުޒާހަރާގެ ބައިވެރިންނާ ފުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މަގުމަތީގައި ބާއްވާ އެފަދަ ހަރަކާތްތަކަށް ހުރަސްއެޅުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ކަނޑައެޅިގެން އެފަދަ މުޒާހަރާތަކާއި އެއްވުން ތަކުގެ ބައިވެރިންނަށް އަނިޔާކުރާކަމަށް ބުނެ އާންމުކުރާ ފޮޓޯތަކާއި ވިޑިއޯ ތަކާއި ގުޅިގެން އެމައްސަލަތައް ބަލާ ކަމަށް ފުލުހުންގެ އިދާރާއިންނާއި ޕޮލިސް ކޮމިޝަނާ، ހަމީދު ވެސް ވިދާޅުވެއެވެ. ނަމަވެސް ފަހުން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. މިރޭ ފުލުހުންގެ ފަރާތުން ފެނިގެންދިޔަ އަނިޔާވެރި އަމަލުތަކަށް އިޝާރާތްކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ސީޕީ ހަމީދު ޓެގްކޮށް ފާޅުކޮށްފައިވާ ޚިޔާލު ތަކުގައި މިއީ ފުލުހުންގެ އާ ތަމްރީންތަކާއި ހޯމް މިނިސްޓަރ ވިދާޅުވާ އާ ސްޓްރެޓެޖީގެ ދަށުން އަމަލުކުރަން އޮންނަގޮތްތޯ ވެސް ސުވާލުކޮށްފައި ވެއެވެ.



ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކިކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އަޑުއުފުލުމުގެ ގޮތުން ބޭއްވި ސުލްހަވެރި އެއްވުމެކެވެ.

އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް  ފުލުހުން ވަނީ ބުނެފައެވެ

މިރޭގެ މުޒާހަރާ އަކީ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް ޖިންސީ ގޯނާތަކާއި ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދާ ރައިޒް އަޕް މޫވްމެންޓްގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން