ފުލުހުން ބާރުގެ ބޭނުންކުރަންޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައަޅާފައިވާ މިންގަޑާއި އެއްގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކިކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ، އަޑުއުފުލުމުގެ ގޮތުން މިރޭ ބޭއްވި ސުލްހަވެރި އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުންނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީފުލުހުން ބާރުގެ ބޭނުންކުރަން ގާނޫނުން ހުއްދަކުރާ ހާލަތްތަކުގައި ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައަޅާފައިވާ މިންގަޑުގެ ތެރެއިން ކަމަށެވެ.

"މިރޭ ހިނގާދިޔަ ހާދިސާގައި ޔޫސް އޮފް ފޯސް މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިގާފައިވޭތޯ ބަލާނަން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ފުލުހުންގެ އިދާރާއިން މިރޭ ބުނީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުންނާއި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މިހާރު ބަލަން ފަށާފައިކަމަށެވެ.





ފުލުހުން ބުނީ މިރޭގެ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިރޭގެ މުޒާހަރާއަކީ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް ޖިންސީ ގޯނާތަކާއި ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދާ ރައިޒް އަޕް މޫވްމެންޓްގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން