ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު.
ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު.
ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ މުޒާހަރާ އަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންގެ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

މިމުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކޮށް، ސީދާ ލޮލާއި ކައިރިކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، މުޒާހަރާގައި ހަރަކާތްތެރިވި އަންހެނެއް ބިންމައްޗަށް ވައްޓާލައި ބިޑި އެޅުވުމަށްފަހު އޭނާގެ ގައިގައި ފައިން ތެޅުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެެވެ. އަދި އެފަދަ މަންޒަރުތައް ފެންނަ ވިޑިއޯތަކާއި ފޮޓޯތައްވެސް މީސް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ މިއަދު ޓްވީޓް ކުރައްވާފައެވެ. އަދި ރޭގެ މުޒާހަރާ އާއި ގުޅިގެން އާންމުގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލު ކުރައްވާކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.

"ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތާމެދު ތަހުގީގު ކުރުމަށް އެދެފިން. މިކަމާ ގުޅިގެން އާންމުގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލު ކުރަން. އޮފިސަރުންގެ އަމަލުތައް ޕްރޮފެޝަނަލް ސްޓޭންޑަޑާއި އެއްގޮތަށްތޯ ހުރީ ބެބެލުމަށް މިހާރު ތަހުގީގު ކުރެވެމުންދަނީ." ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވިއެވެ.



ރޭގެ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހުން އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ރޭގައި ބުނެފައެވެ. 

މިކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާންވެސް ވިދާޅުވެފައިވަނީ ފުލުހުން ބާރުގެ ބޭނުން ކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކަމަށާއި އަދި ރޭގައި އެ އުސޫލުތަކާއި ޚިލާފަށް ބާރުގެ ބޭނުންކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.

ރޭ ބޭއްވި ސުލްހަވެރި އެއްވުން ފުލުހުން ނުކުމެ ބޮޑު ހަމަނުޖެހުމަކަށް ބަދަލުކޮށްލައި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ވެސް އަންނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ކުރިން މިފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކޮށް ބަޔާންތައް ނެރެއުޅުނު ފަރާތްތަކުގެ ތެރެއިން މިހާރު ހަނުހިމޭންވެ އެއްފަރާތްވެ ތިބި ބައެއް ފަރާތްތަކާއި ޖަމާއަތްތައް ވެސް މިމައްސަލައިގައި ކޮންމެވެސް މިންވަރަކަށް ބަސްބުނެފައި ވެއެވެ. އޭގެތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ފަރާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން