ރޭގެ މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިޔޯ ފޫޓޭޖްގެ މަންޒަރެއް.
ރޭގެ މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިޔޯ ފޫޓޭޖްގެ މަންޒަރެއް.
މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކިކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ، އަޑުއުފުލުމުގެ ގޮތުން ރޭ ބޭއްވި ސުލްހަވެރި އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ކުށްވެރިކޮށްފިއެވެ.

ރޭ ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްފައިވާ މަންޒަރުތައް ފެންނަ ވިޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށްފައި ވެއެވެ. އަދި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް އަނިޔާކޮށް، ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ފުލުހުންގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތާން ކުށްވެރިކުރާކަމަށް ފާހަގަކޮށް ޓްވީޓެއް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިންނަށް ކުރިމަތިވި ފުލުހުންގެ އަނިޔާވެރިކަން ތަހުގީގުކޮށް ފިޔަވަޅުއެޅުމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އަކީ މިފަދަ ކަންކަމުގައި މީގެކުރިން ފުލުހުންނަށް ވަރަށް ބޮޑަށް ފާރަވެރިވެ ފާޑުކިޔައި އަޑުއުފުލަމުން ދިޔަ ޖަމިއްޔާއެކެވެ. ނަމަވެސް އެޖަމިއްޔާގެ މިފަދަ ހަރަކާތްތައް މަޑުޖެހިފައި ހަނުހިމޭންވެ އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަންކަމާއިމެދު ހިޔާލުފާޅުކުރެވުމަކީ މައިގަނޑު އެއްއަސާސް. ރައްކާތެރި މަސައްކަތުގެ މާހައުލަކަށް އެދި އަޑުއުފުލައި ރޭ މުޒާހަރާ ކުރަމުންދިޔަ މީހުންނާއި ނޫސްވެރިންނާމެދު ފުލުހުން ބާރުގެ ބޭނުން ކުރިގޮތް އެންމެ ހަރުކަށި އިބާރާތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުށްވެރިކުރަން. ފުލުސް އޮފިސަރުން ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރުން ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވާލަން." ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.



ރޭގެ މުޒާހަރާއަކީ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް، ޖިންސީ ގޯނާތަކާއި ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދާ ރައިޒް އަޕް މޫވްމެންޓްގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން