ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މަސައްކަތު މާހައުލުގައި ހިނގާ ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް، ރޭ ޒުވާނުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ބަޔަކު ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށާއި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. މިކަމާގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ ބާރުތައް ނަހަމަގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބޭނުންކުރާ މަންޒަރު ފެނިވަޑައިގަތުމުން ހިތްހަމަޖެހި ވަޑައިނުގެންނެވި ކަމަށެވެ. އެހެންކަމުން މި ސަރުކާރުންވެސް ފުލުހުން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް، ޢަލީ ހުސައިން ވިދާޅުވި އެވެ.

"‏އިންސާނީ ޙައްގާއި ކޮރަޕްޝަނާއި އަނިޔާގެ ވާހަކައަކީ ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރާ ހަތިޔާރަށްވެ ނިމޭނަމަ، ރައްޔިތުންގެ އިތުބާރު އެވާހަކަތަކަށް ދެނެއް ނޯންނާނެ. އިސްލާޙުވާން އެދޭނަމަ ފުރުސަތު ނަގާނުލާ." ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިންނާއި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މިހާރު ބަލަން ފަށާފައިކަމަށެވެ. މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދުވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އާންމުންގެ ފާޑުކިއުންތަކާއެކު ހޯމް މިނިސްޓަރ އިމްރާންވެސް ވަނީ ހަމަ މިފަދައިން ވިދާޅުވެފައެވެ.

އިހްތިޖާޖުގައި ބައިވެރިވި ފަރާތްތަކަށާއި އެ އިހުތިޖާޖު ކަވަރު ކުރަން ދިޔަ ބައެއް ނޫސްވެރިންނާއި ދެކޮޅަށް ފުލުހުން ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކޮށްފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. އަދި ކުރިން މިކަންކަމާއި ދެކޮޅަށް އަޑުއުފުލި ޖަމިއްޔާ ތަކާއި ނޫސްވެރިން މިއަދު ކޮބައިތޯއޭ ބުނެ ގިނަ ބަޔަކު ސުވާލު އުފައްދާފައި ވެއެވެ. އެގޮތުން މިފަދަ ކަންކަމާއި ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލައި ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލު ކަމަށް މިފަދަ ކަންކަން ގެނަސް ބަޔާންނެރެމުންދިޔަ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި މިހާރު ސިޔާސީ މަގާމުތަކުގައި ތިބި، ކުރިން އަނގަމަތީގައި ޓޭޕް އަޅައިގެން އުޅުނު ނޫސްވެރިން ކޮބައިތޯވެސް ބައެއް މީހުން ސުވާލުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން