5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ސާނަވީ އިމްތިހާނުތައް މިއަދު ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބާއްވަން ހަމަޖެހިފައިވާ އޯ ލެވެލް އިމްތިހާނުތައް، މި އަހަރުގެ މޭ/ޖޫނަށް ފަސްކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯ ލެވެލް އިމްތިހާނުތައް މިއަދު ފަށާފައިވާ ކަމަށެވެ. ޖުމްލަ 235 މަރުކަޒެއްގައި އިމްތިހާނުތައް ކުރިއަށް ދާނެ ކަމަށާއި، މި އިމްތިހާނުގައި 5،955 ދަރިވަރުން ބައިވެރިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށި އިމްތިހާނުތަކަށް ފުރިހަމައަށް ތައްޔާރީތައް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ކަރަންޓީނު ކޮށްފައިވާ ދަރިވަރުންނަށާއި، ކޮވިޑަށް ފައްސިވެފައިވާ ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމަށް، އެޗްޕީއޭއާއި، ރަށްރަށުގެ ސިއްހީ އިދާރާތަކާއި، ޓާސްކްފޯސްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކަންތައްތައް އިންތިޒާމް ކުރުމުގައި އިމްތިހާނުތަކާއިބެހޭ އިދާރާއާއި، އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް ހުރިހާ މަރުކަޒުތަކުންނާއި ސްކޫލުތަކުން އަމަލުކުރަމުން އަންނަކަން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް މިއަދު ފަށާފައި ވާއިރު، އޭލެވެލް އިމްތިހާނުތައް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން