ކޯވިޑާއި ގުޅިގެން މޮނިޓަރިންގައި އޮތް އައްޑޫ ސިޓީގައި އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކޯވިޑާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންއަށް ލާފައިވަނީ އިއްޔެއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އަޅަން ނިންމި ފިޔަވަޅުތައް:-

1. އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.

2. އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.

3. އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.

4. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ޚިދުމަތްދިނުން، އަދި ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދިނުން.

5. ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.

6. ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުން، މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭ.

7. ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން.

8. މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުން.

9. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ޚިދުމަތްދިނުން.

އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނީޓަރިންގެ ޙާލަތަށް ގެނައީ ފޭދޫއިން ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީމަހުވެސް އައްޑޫ ސިޓީ ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ. އެފަހަރުވެސް ހަރުކަށި ފިޔަވަޅުތައް އެޅިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން