މާލޭގައި ބޭއްވުނު މުޒާހަރާއެއް ކަވަރުކުރުމުގައި ނޫސްވެރިން ހަރަކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
މާލޭގައި ބޭއްވުނު މުޒާހަރާއެއް ކަވަރުކުރުމުގައި ނޫސްވެރިން ހަރަކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ނޫސްވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު ރޭގެ އިހުތިޖާޖު ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންގެ އަމަލުތައްވެސް ގޯސްކަމަށް ބުނެ މޯލްޑިވްސް މީޑިޔާ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.

މިކަމާ ބެހޭގޮތުން މީޑިޔާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ މައްސަލަތަކާއި ދެކޮޅަށް ރޭ ބޭއްވި އިހުތިޖާޖު ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސް އެޅިކަމަށް ބުނާ މައްސަލަތަކެއް މީޑިޔާ ކައުންސިލަށް ވަނީ ހުށަހަޅާފައެވެ. އަދި ނޫސްވެރިންނާއި ބޭއަދަބީ ބަހުރުވައިން މުހާތަބުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާވެސް މީޑިޔާ ކައުންސިލަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން މިފަދަ ކަންކަން ހަށުކަށި އިބާރާތުން ކުށްވެެރިކުރާކަމަށް މީޑިޔާ ކައުންސިލުން ބުނެފައިވެއެވެ.

މީގެއިތުރުން މީޑިޔާ ކައުންސިލުން ވަނީ ރޭގެ އިހުތިޖާޖު ކަވަރުކުރަން ނުކުތް ބައެއް ނޫސްވެރިންގެ އަމަލުތައްވެސް ކުށްވެރިކޮށްފައެވެ. މިގޮތުން، ބައެއް ނޫސްވެރިންގެ ކިބައިން، ނޫސްވެރިކަމުގެ އަޚުލާގީ މިންގަޑާއި ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެންދިޔުމުން އެކަމާ ކަންބޮޑުވުން ފާޅުކުރާކަމަށްވެސް މީޑިޔާ ކައުންސިލުން ބުނެފައިވެއެވެ. މިއާއެކު ނޫސްވެރިންނަކީ ވަކި މިންގަނޑެއްގައި ހިފަހައްޓާ ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށް މީޑިޔާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ނަމަވެސް ނޫސްވެރިންގެ މިނިވަންކަމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްްއެޅުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް މީޑިޔާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މިހެންކަމުން، ރޭގެ އިހުތިޖާޖުގައި ކަންހިނގިގޮތް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މީޑިޔާ ކައުންސިލުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން