ލ. މާވަށު ކައުންސިލްގެ ރައީސްގެ ވޯޓުގެ ޖުމުލަ ނަތީޖާ ކަނޑައެޅުމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާވަށުގެ އިންތިޚާބާއި ގުޅިގެން ޕީޕީއެމާއި ޕީއެންސީން އެކޮމިޝަނަށް ހުށައެޅި ކަންބޮޑުވުންތައް ބަލައިގެންފައިވާ ކަމަށެވެ. އަދި މާވަށު ކައުންސިލްގެ ރައީސްގެ ޖުމުލަ ނަތީޖާއާމެދު އެ ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމާ ގުޅޭ ގޮތުންނާއި އަދިވެސް އެހެން ކަންކަމުގެ މަޝްވަރާއަށް އީސީގެ މެންބަރުންގެ ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން ވަކި ގޮތެއް އޭގަ ނުނިންމަން، އަޅުގަނޑުމެން މި ދަނީ މަޝްވަރާ ކުރަމުން،" އީސީގެ ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފައެވެ. ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަޙްމަދު ޝަރީފަށް ފޮނުވާފައިވާ ސިޓީގައި އެ ޕާޓީން ބުނެފައިވަނީ، ވޯޓު ލައި ނިމިގެން އެ ރަށުގެ ވޯޓުގެ ނަތީޖާ ތައްޔާރުކުރުމަށް އިލެކްޝަނުން މަސައްކަތްކުރަނީ ބުއްދިއަށް ޤަބޫލުނުކުރެވޭ ގޮތަކަށް ކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ކުރިން ނެގި ވޯޓުގައި އެއް ވޯޓަށްވުރެ ކުޑަ ފަރަޤުހުރި ކެނޑިޑޭޓުންގެ މެދުގައި ކާމިޔާބުކުރި ފަރާތެއް ކަނޑައެޅުމުގައި ބަލާނީ އިއްޔެ ވޯޓުލުން ކުރިއަށް ގެންދިޔަ ފޮށީގެ ނަތީޖާއަށް އެކަނި ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ސިޓީގައި ބުނެފައިވެއެވެ. އަދި މީގެ ކުރިންވެސް މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކަންކުރާ ގޮތަކީ އަލުން ވޯޓުލުން ބޭއްވި ފޮށީގެ ނަތީޖާއާއި، އެ ރަށުގައި ބަހައްޓާފައިވާ އިތުރު ފޮށިތަކުގެ ނަތީޖާއާއި އެހެން ދާއިރާތަކުގައި ބެހެއްޓި ފޮށިތަކުގެ ނަތީޖާ އެއްކޮށް ގުނައިގެން އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓު ކަނޑައެޅުން ކަމަށާއި އަދި އެއީ އެކަން ކުރަންޖެހޭ ގޮތްކަން ހަމަ ޤަބޫލުކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން މާވަށުގެ ވޯޓުގެ ނަތީޖާ ކަނޑައެޅުމުގައި ހަމައާއި އިންސާފުގެ މަގު އިޚުތިޔާރުކޮށް، މާވަށު ރައްޔިތުންގެ ވޯޓަކީ ބޭކާރު އެއްޗަކަށްނުވާނެ ގޮތަކަށް އަމަލުކުރުމަށް އެ ބަޔާނުގައި އީސީއަށް ވަނީ ގޮވާލާފައެވެ.



މާވަށުގައި އަލުން އިންތިޚާބު ބޭއްވީ އެރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން އެއް ފޮށީގައި މާވަށު ރައީސްކަމަށް ވާދަކުރި ދެ ކެނޑިޑޭޓުންގެ މެދުގައި 1 ވޯޓަށްވުރެ ކުޑަ ތަފާތެއް ހުރުމާ ގުޅިގެންނެވެ. ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ގެންގޮސް، އެ ފޮށީގެ ވޯޓު ގުނައި ނަތީޖާ އިއުލާންކޮށްފައިވާއިރު އެ ފޮށިން ކުރި ލިބެނީ ޕީޕީއެމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން