ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތް ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖެއިން ފުރުވާލާފައިވާތީ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންނަށް އަންގަވައިފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ މި މައްސަލައިގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ ނާންގާ ހުރުމާއި ހެކި ފޮރުވުމުގެ ތުހުމަތު ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ މައްޗަށް ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފިރިހެން ނަރުހަކު އެޑްމިޓް ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ފުލުހުންނަށް ހުށައަޅާފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މައްސަލަ ހުށަހެޅީ އެ ނަރުސް މީހާ ރާއްޖެއިން ފުރުވާލުމަށް ފަހު ކަމަށްވާތީ ފުލުހުން ވަނީ އެމައްސަލަ ފައިލް ކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގަައި ބުނެފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެއް ކަމަށެވެ.

އިތުބާރު ކުރަންޖެހޭ މަގާމުތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެފަރާތްތަކުގެ ތެރޭގައި ހޮސްޕިޓަލް، ނުވަތަ ކްލިނިކް، ނުވަތަ ކުޑަކުދިން ބަލަހައްޓައިދޭ ގެ ފަދަ ހިދުމަތްދޭ ތަންތަނުގެ މީހުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން