ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކުރި މައްސަލަ ކުށްވެރިކޮށް، އެމައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރޭގައި މާލޭގައި ޒުވާނުންގެ ބަޔަކު ކުރި ސުލްޙަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން ހިންގި ޢަމަލާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް އެޕާޓީން ވަނީ ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ރޭގައި ފުލުހުން ހިންގި ޢަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގެ ގޮތުން މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާއިރު، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލު އަޙްމަދު ނަސީމު، އެ މައްސަލާގައި ވަޒީރާ ސުވާލުކުރެއްވުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައިކަމަށް އެމްޑީޕީން ބުނެއެވެ.

ސުލްޙަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައިވަނީ މަސައްކަތްތެރިންގެ ޙައްޤުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މިފަދަ ކަންކަމުގައި ސުލްޙަވެރިކަމާއެކު އަޑުއުފުލުމަށާއި ޚިޔާލުފާޅުކުރުމަށް ހުރަސްއަޅައި، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަކީ އަބަދުވެސް ދެކޮޅުހަދާކަމެއްކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ސުލްޙަވެރިކަމާއެކު މުޒާހަރާކޮށް އަޑުއުފުލުމުން، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަދި ތަޅައި އަނިޔާވެރިވުމަށްފަހު ޖަލަށްލުމުން ލިބޭ ވޭނާއި އަނިޔާ އެންމެ ބޮޑަށް ތަކުރާރުކޮށް ތަޙައްމަލުކުރި ބަޔަކަށް އެމްޑީޕީގެ މެމްބަރުން ވީހިނދު، މިފަދަ ޢަމަލުތަކާ ދެކޮޅުހެދުމުގައި އެ ޕާރޓީ އަބަދުވެސް ދެމިއޮންނާނެކަމަށް ބަޔާނުގައިވެއެވެ.



އެމްޑީޕީގެ ބަޔާނުގައި ޑިމޮކްރެޓިކް ވެރިކަމެއްގައި ފުލުހުންގެ ޚިދުމަތް ވާންޖެހޭނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ވިސްނުމުގެ މައްޗަށް ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ޚިދުމަތަކަށްކަމަށާއި އަދި ފުލުހުން ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ޙާލަތްތަކުގައި ޖަވާބުދާރީ ކުރުވޭ، ރައްޔިތުންނަށް އިތުބާރުހިފޭ ބަޔަކަށް ފުލުހުން ވާންޖެހޭނޭކަމަށް ޤަބޫލުކޮށް، އެކަމަށް ބާރުއަޅާކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން