އެގްރިމެންޓްތައް އުވާލުމާއި ގުޅިގެން ސަރުކާރުން އެހާގިނަ ފަރާތްތަކަށް ބަދަލު ދީފައި ނުވާ ކަމަށާއި، ސަރުކާރުން ބޮޑެތި އަދަދުތަކުން ބަދަލު ދީފައިވާ ކަމަށް ބުނެ މީޑިޔާތަކުން ފަތުރަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ، މި ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދަތަކުން ބަދަލު ދީފައިވާ ކަމަށް ބުނެ މީޑިޔާތަކުން ފަތުރަނީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށާއި، މިހާތަނަށް ސަރުކާރުން ބަދަލު ދީފައިވަނީ އެންމެ ތިން މައްސަލަ އެއްގައި ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ކޯޓުގެ ތިން މަރުހަލާ ނުނިމުނަސް ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކޯޓަށް ވެސް ނުގޮސް ގެއްލުމުގެ ބަދަލު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި މާގިނަ ފަރާތްތަކަށް ބަދަލު ދީފައެއް ނެތް އިގޭތޯ، ބަދަލު އެހާގިނައިން ދޭ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން، މިވެނި މީހަކަށް މިވެނި ވަރަކަށް ބަދަލު ދީފިއޭ، ތިން މައްސަލައިގައި ސީދާ ބަދަލު ދީފައިވާނީ. އަޅުގަނޑުގެ ނުކުތާ އަކީ މީޑިޔާގައި ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދެކެވެޔޭ އެހާގިނައިން ބަދަލު ދީފައެއް ނުހުންނާނެ." އޭނާ ވިދާޅުވިއެވެ.

އެގްރިމެންޓްތައް ސަރުކާރުން ބާތިލް ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމުގައި ވާނަމަ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު ކޯޓުގައި އިއުތިރާފުވެ އެއްބަސްވެވޭ ގޮތައް ބަދަލު ދެމުން އަންނަ ކަމަށް އަޙްމަދު އަބްދުﷲ އަފީފް ވަނީ ފާހަގަކުރައްވާފައެެވެ. އެގްރިމެންޓްތައް އުވާލުމާއި ގުޅިގެން ސަރުކާރުން ބަދަލު ދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ އިންސާފު ހޯދައި ދިނުމުގެ ވައުދު ފުއްދަން ކަމަށް އޭނާ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން