ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ.

ރަައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ލީޑަރުންނާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަޝްވަރާތައް ނިމުމުން އެކަން ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ކެބިނެޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ލީޑަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާއިރު އެ މަޝްވަރާތައް ނުނިމޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މަޝްވަރާ އަށްފަހު އެކި ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މަޤާމުތަކަށް ބަދަލު އަންނާނެކަަމަށް މަބުރޫކް ވިދާޅުވިއެވެ.

ރައީސް ޞާލިހު މިފަދަ ބަދަލުތަކެއް ސަރުކާރަށް ގެންނަވަން ނިންމެވި އެއް ސަބަބަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައެއް ދާއިރާތަކުން ލިބިފައިވާ ނަތީޖާއަށް ބައްލަވާފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެފަދަ ބައެއް ނަތީޖާތަކުން ފެނިގެން ގޮސްފައިވަނީ ސަރުކާރުގެ ހިންގުމަށް ބަދަލު ތަކެއް ގެނަސް ދުވެލި ހަލުއިކޮށް ނަތީޖާ ނެރެން ޖެހޭކަން ކަމުގައި ރައީސަށް ގަބޫލުކުރެއްވޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ މިިހާތަނަށް ލިބިފައިވާ މައުލޫމާތަކަށް ބަލާއިރު ކެބިނެޓްގެ އެންވަޔަރަންމަންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމަށް ބަދަލު ގެންނަން ރައީސް ސޯލިހް ވަނީ ނިއްމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން