ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަކީ އެންމެ ފަހުގެ އޮޕްޝަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ 508 އަށް އަދަދު އެރުމުން މިއީ ބޮޑު އަދަދެއް ކަމަށެވެ. މަބުރޫކް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އިއްޔެ ވެސް ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށާއި، އިތުރު ފިޔަވަޅުތައް އަޅަންޖެހިއްޖެނަމަ އެކަން ކުރަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ލޮކްޑައުން ނުވަތަ ފުރަބަންދަކީ ސަރުކާރުގެ އެންމެ ފަހުގެ އޮޕްޝަން ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މިކަމުގަ ވަރަށް ގިނަ ނުރުހުމާ ނުތަނަވަސްކަމާ އެބަ ހުރިކަން. އެއްބަޔަކު ގެއަށް ވަންނާށޭ ބުނެ އަނެއް ބަޔަކު އެއްވާ ވާހަކަޔާ، ކަންބޮޑުވުންތަކެއް އެބަ ހުރިކަން. މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިވަގުތަކީ އެފަދަ ކަންކަމާ ހެދި ސީރިއަސްކަން ކުޑަވެފައި އޮތް ވަގުތެއް ކަމަށާއި ނަމަވެސް 500 އަށް ކޭސް އެރުމުން އަނެއްކާވެސް އަލުން އެކަމާ މެދު ވިސްނަން އެބަޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަމުގައި އެންމެން އެއްކޮށް މަސައްކަތް ނުކޮށްފިއްޔާ ހަމަ އަޅުގަނޑުމެން އެންމެންނަށް މިކަމުގަ ދަތިތައް ހުންނާނެ." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑު ނަމްބަރު ތިރި ކުރުމަށް ނޫސްވެރިން މިހާރު ކުރަމުން އަންނަ މަސައްކަތުގެ އިތުރަށްވެސް މަސައްކަތް ކޮށްދިނުމަށް މަބުރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އޭނާއަށްޓަކައި ނުވަތަ ސަރުކާރަށްޓަކައި ކަމަށް ނުބައްލަވާ ގައުމަށްޓަކައި ވިސްނަވާ ރަނގަޅަށް އަމަލުތައް ބަހައްޓަވާ އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް މަބުރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުން އަދަދު ވަނީ 500 އަށް ވުރެ މައްޗަށް އަރާފައެވެ. މިއާއެކު ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ.

އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުން އެންމެ މަގުތަކަށް ނުކުމެ އެއްވެސް ބެލުމެއް ނެތި އުޅެމުންދާއިރު ބަލީގެ ރައްކާތެރިކަމަށްޓަކާ އެންމެ މުހިހިންމު ކަމެއް ދީގެން އަޅަންޖެހޭ މާސްކް ވެސް ގިނަ މީހުން ވަނީ ދަތްދޮޅިއަށް ތިރިކޮށްފައެވެ. މިސްކިތްތަކުގައި ޖަމާއަތް އަދައި ގާތްގާތުގައި ސަފުތައް ހަދަން ދޫދިނުމުން އެއްވެސް ރައްކާތެރި ކަމެއްނެތި ހައިރިސްކް މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ބައިބޯ ޖަމާއަތުގައި ބައިވެރިވަމުންދަނީ އެއްވެސް ބެލުމެއް ނެތިއެވެ. މީގެއިރުން ޖަމާއަތް ހަދައިގެން ރޯދަވީއްލުންތައް ބޭއްވުމާއި، ތަރާވީހުގެ ސަޔަށް ބައިހަދާފައި އެއްވެ އުޅުމާއި ސައި ހޮޓާ، ރެސްޓޯރެންޓް، ކެފޭ ތަކަށް އެއްވެސް ރައްކާތެރިކަމެއްނެތި މީހުން ވަންނަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އާންމު ދިރިއުޅުމުގައިވެސް އަދި ފިހާރަތަކަށް ވަދެ އުޅުމުގައި ވެސް އެއްވެސް ގައިދުރުކަމެއް އަތްދޮވުމެއް، ސެނިޓައިޒް ކުރުމެއްނެތި އާންމުން އެއްވެސް ފަރުވާލެއްނެތި އުޅެމުންދާ މަންޒަރު ވަނީ އާންމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން