ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ މަދަނީ އިޖުރާއަތުގެ ގާނޫނަކީ އިންސާފުވެރި ދެފުށް ފެންނަ ގޮތަށް ބަދަލު ދިނުމަށް މުހިންމު ގާނޫނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިޒަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިޒަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، މި ސަރުކާރަކީ މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާއެކު އައި ސަރުކާރަކަށް ވާއިރު އޭގެ ތެރޭގައި އެއްބަސްވުންތައް ގާނޫނާ ހިލާފަށް އުވާލުމުގެ ސަބަބުން އެކި ކުންފުނިތަކަށް ލިބިފައިވާ ގެއްލުންތަކަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ދައުލަތުން ގެއްލުން ލިބިފައިވާ މީހުންނަށް ބަދަލު ދޭން ޖެހޭއިރު އެކަމަށް ގާނޫނެއް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މަޑުޖެހިފައެވެ.

"އެހެންވީމަ މިހާ ގިނަ ދުވަސް މި ބިލް ގާނޫނަކަށްވެފައި ނުވާތީ އެއީ އަނެއްކާވެސް އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް." އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ބަޔަކަށް ގަސްދުގައި ގެއްލުމެއް ދީފައި އޮތުމުން، ބަދަލު ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެކަމުގައި އެންމެ ކުޑަ މިންވަރެއް ދެވޭނެ އުސޫލުތަކެއްގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ގަސްދުގައި ބަޔަކަށް ގެއްލުންދީ، ދައުލަތަށް ބުރައެއް އުފުލަން ޖެއްސި މީހުންގެ މައްޗަށް ދައުވާތައް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން