ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ސޮއިކުރި އެއްބަސްވުމަކީ ބަންޑާރަނައިބު ލަފާދިން އެއްބަސްވުން ނޫންކަން ހާމަވެއްޖެއެވެ.

މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައަކީ އާންމު މަސްލަހަތު ބޮޑު މައްސަލައަކަށް ވާތީ ތަހުގީގީ ނަޒަރަކުން އެ މައްސަލައާ މެދު އެ އޮފީހުން ބަލާފައިވާނެ ކަމަށެވެ. 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާދެމެދު 2 އެޕްރީލް 2020 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަނައިބުގެ ލަފާ މިނިސްޓްރީ އޮފް ހެލްތުން ހޯދާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެ އޮފީހުން ބެލި ބެލުމުން ބަންޑާރަ ނައިބު ލަފާ ދެއްވި އެއްބަސްވުމުގެ ދެލިކޮޕީއާއި ސޮއިކުރި އެއްބަސްވުމުގެ ދެލިކޮޕީގައި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މި ދެލިޔުމުގެ ތަހުގީގުގައި [އޭސީސީގެ ތަހުގީގުގައި] އަޅައި ކިޔާފައި އޮތް ކަމަށް ނުފެންނާތީ އެމަސައްކަތް ޕީޖީ އޮފީހުން ކުރިއިރު ބަންޑާރަނައިބު ލަފާދެއްވި ދެލިކޮޕީއާއި ސޮއިކުރި ދެލިކޮޕީގައި 18 ތަފާތެއް ހުރި ކަމަށް ފާހަގަ ކުރެވުނުކަށް ޕީޖީ ޝަމީމް ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެ ތަފާތު ތަކުގެ ތެރޭގައި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭނެ މާއްދާތަކެއް އެއްބަސްވުމުގައި ހިމަނަން ގާނޫނީ ގޮތުން މަގުބޫލު ސަބަބެއް އޮތްކަމަށް ނުފެންނަ ގޮތަށް ހުރި މާއްދާތަކެއް ހިމެނޭ ކަމަށެވެ.

އެއްބަސްވުމުގައި ހުރި ބައެއް ކަންކަމަކީ ބަންޑާރަނައިބު ލަފާދެއްވި ދެލިކޮޕީގައި ނުވެސް ނެތް ކަންކަން ކަމަށް ޕީޖީގެ ސިޓީގައި ވަނީ ފާހަަގަކޮށްފައެވެ. ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފާ ހޯއްދެވި އެއްބަސްވުމާއި ސޮއިކުރި އެއްބަސްވުން އަޅައި ކިޔުމަށްފަހު ފާހަގަވި ކަންކަން އޭސީސީއާ ހިއްސާކޮށްފައި ވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"އެ ބަދަލުތައް އެއްބަސްވުމަށް ގެނެވިފައިވާ ގޮތް ދިރާސާކުރައްވައި އެކަން އެގޮތަށް މެދުވެރިވެފައިވާ ސަބަބާއި އެކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، އެކަން ކުރުމަށް އިރުޝާދުދިން މީހުން ހޯދުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރައްވައި އެއްބަސްވުމުގައި ސޮއިކުރުމުގައި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭގޮތަށް މާއްދާތައް އިތުރުކުރެވިފައިވާ މައްސަލާގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރެއްވުމަށް ޕީޖީ އޮފީހަށް ފޮނުއްވައިދެއްވުމަށް އެދިފައިވާނެ" ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް ފޮނުވި ފައިސާ ދައުރުވިގޮތް ބަލައި ތަހުގީގު ކުރެއްވުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ޝަމީމް ސިޓީގައި ފާހަަގަކުރައްވާފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ކުރި މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިއްމުމަށްފަހު އަލުން އެމައްސަލަ ޕީޖީ އޮފީހުން ވަނީ މުރާޖައާކޮށްފައެވެ. އެމައްސަލަ ޕީޖީން މުރާޖަޢާ ކުރަން ފެށީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ފާޑުކިޔައި ޕީޖީއަށް ޕްރެޝަރ ކުރަން ފެށުމުންނެވެ.

އޭސީސީ އިިން މީގެ ކުރިން ބުނެފައިވަނީ ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ވަދެފައިވާ އެކައުންޓުތައް އެނގޭ ކަމަށާއި، މައްސަލައިގައި ދައުވާކުރެވޭނެ ހުރިހާ އުންސުރެއް ފުރިހަމަވާ ކަމަށެވެ. ނަމަވެސް ޕީޖީ ޝަމީމު މައްސަލައިގައި ދައުވާ ނުކުރަން ނިންމި އެއްސަބަބަކީ އޭސީސީން އެބުނާ އުންސުރުތަކެއް ހަމަނުވާތީ ކަމަށް ވިދާޅުވެއެވެ.

އެކްސެކިއުޓާސް ކުންފުނިން އޯޑަަރު ކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރު ކަން ފާހަގަކޮށްލެވެއެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ލިބިފައެއް ނުވެއެވެ. އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ސަރުކާރުން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން