މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގެ ހުކުމުން ނަގައިދީފައިވާ ބަދަލަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާއި ހިލާފުވުމުގެ ސަބަބުން ގެއްލުން ވެގެން ނަގައިދީފައިވާ ބަދަލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފިއެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންދު ކޮލެއްޖަށް ނަގައިދީފައިވާ ބަދަލަކީ އެއްބަސްވުމާ ވެފައިވާ ހިލާފުވުމާއި ސީދާ ގުޅުން ހުރި ގެއްލުމަކަށް ނަގައިދިން ބަދަލެއް ކަމަށެވެ. އަދި މަންދު ކޮލެޖަށް ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު އެ ހެކި ދައުލަތަށް ދެއްކެން ނެތް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެެވެ. އެ ބަދަލާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް ދީފައިވާ ލަފައާ ގުޅިގެން އޭޖީގެ ބަޔާނުގައި ބުނެފައިވަނީ އެ ލަފައަކީ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ލަފައެއް ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ ލަފައަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައިދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި އެއްބަސްވުންތައް އެމައްޗަށް ބިނާވާ ފްރީޑޮމް އޮފް ކޮންޓްރެކްޓް އަދި އެއްބަސްވުންތަކަކީ ތަންފީޒު ކުރަންޖެހޭ އެއްޗެއް ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާގޮތަށް ދީފައިވާ ލަފައެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެެވެ.

މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ލަފާ ދީފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުގައި މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ 19 އެޕްރީލް 2021 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެ އޮފީހަށް ފޮނުވި ސިޓީގައި މަންދު ކޮލެޖަށް 15،012،500 ރުފިޔާ ދޭން ޖެހޭކަމަށް ބުނެފައިވައިވާ ކަމަށެވެ. އެއީ އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ކޮލެޖް އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަން ޖެހޭ 4،317،500 ރުފިޔާއާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10،695،000 ރުފިޔާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަނުން އެދިގެން އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ އެސެސްމެންޓުގައި ވާގޮތުން އެހެން އިމާރާތަކަށް ދައްކަންޖެހޭ ކުއްޔަކީ ބަދަލުދޭންޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. ރިޕޯޓުގައި [އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި] ވާގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މާލޭ ހައި އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް މާލޭ ހައިގެ ކިބައިން އެމްއީއެސް އިމާރާތް ވަކިކޮށްފައި ވީ ނަމަވެސް އޮޑިޓަ ޖެނެރަލްގެ ނަޒަރުގައި މާލޭ ހައި އިން އިންޓަނޭޝަނަލް ސުކޫލެއް ހިންގާފައި ނުވާތީ އެހެން އިމާރާތަކަށް ދައްކަން ޖެހޭ ކުއްޔަކީ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމެއް ނޫން ކަމުގައި ބުނެފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެެވެ. އޭޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޮޑިޓަ ޖެނެރަލް އެގޮތަށް ނިންމިއިރު މާލޭ ހައިއިން އިންޓަނޭޝަނަލް ސުކޫލެއް ހިންގުމުގެ ހުއްދަ އެޑިއުކޭޝަނުން ދީފައި ނުވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެކުލަވާލާފައިވާ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ލަފާ ދީފައެވެ.

އެރިޕޯޓްގައިވާ ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ 1.18 މިލިއަން ރުފިޔާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދެވަނަ އަށް ލަފާ ދީފައިވަނީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ ކަމަށް އޮޓިޑް އެސެސްމަންޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން