މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ 16.40 އިންސައްތަ އިތުރުވެއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 16.40 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީސީސީން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި 423.12 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއިން ކޮށްފައިވަނީ 353.53 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 82.31 މިލިއަން ރުފިޔާއެވެ. މިއަދަދު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުޅުނީ 72.44 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ވަނީ 61.67 މިލިއަން ރުފިޔާ ލިބިފައެވެ. މި ނަތީޖާއާއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.67 ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއަރޓަރުގައި އެ ކުންފުންޏަށް ލިބުނީ 52.98 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ޢުމްރާނީ ތަރައްޤީގެ 77 މަޝްރޫއެއްގައި މަސައްކަތްކުރެވި 5 މަޝްރޫއެއްގެ މަސައްކަތް ތަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ އެމްޓީސީސީން ހިންގާފައެވެ. އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއިއެކު ވަނީ ސޮއިކުރެވި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން