އޭލެވެލް ޕޭޕަރު ރާއްޖެއިން ލީކުނުވާނެކަމަށް ނުބުނެވޭނެކަމަށް އެޑިއުކޭޝަން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައިވާ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ އީމެއިލް މެދުވެރިކޮށް ޕޭޕަރުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޮނުވާއިރު، ޓެސްޓް ޕޭޕަރު ރާއްޖެއިން ލީކުނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނާ ބަހުގެ ބުރަދަނެއް ނެތްކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުދިންގެ މުސްތަޤްބަލަށްވުރެ ބޮޑަށް އެޑިއުކޭޝަނުން ވިސްނަނީ އެޑެކްސެލްގެ ފައިދާއަށްކަމަށެވެ. އަދި ޕޭޕަރުތައް ލީކުވެފައިވާއިރުވެސް އިމްތިހާނު ކުރިއަށްގެންދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.





ރާއްޖޭގައި ކުރިއަށްދާ އޭލެވެލް އިމްތިޙާނުގެ ބައެއް ޕޭޕަރުތައް ލީކްވެފައިވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕޭޕަރުތައް ލީކުވީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށާއި ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންކަމަށެވެ. މިމައްސަލައިގައި އެޑެކްސެލްއާއެކު މަޝްވަރާ ކުރަމުން އަންނައިރު ލީކުވި ޕޭޕަރުތައް އަލުން ހެދުމަށް އެޑިއުކޭޝަނުން ވަނީ ހުށަހަޅާފައެވެ.

ޕޭޕަރު ލީކުވީ އިމްތިހާނު ހަދާ ވާގުތުގެ ތަފާތުން ކަމަށް އެޑިއުކޭޝަނުން ބުނާއިރު މީގެ ކުރީގެ އަހަރުތަކުގައި ވެސް އެ އިމްތިހާން ބާއްވާފައިވަނީ އިމްތިހާނު ހަދާ ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއްވަގުތެއްގައި ނޫންކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އެޑިއުކޭޝަންގެ ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްނޫންކަމަށް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން