ސަރުކާރާއި ޑީލް ހަދައިގެން ގޭބަންދަށް ބަދަލުކުރިނަމަ ރައީސް ޔާމިން މިހާރު ހުންނަވާނީ ރާއްޖެއިން ބޭރުގެ ގައުމެއްގައި ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ހުސައިން ޝަރީފް (މޮންދު) ވިދާޅުވެއްޖެއެވެ.

އޮންލައިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ހުސައިން ޝަރީފް ވިދާޅުވީ ސަރުކާރާއި ޑީލް ހަދާނަމަ ރައީސް ޔާމިން މިހާރު ހުންނަވާނީ ރާއްޖެއިން ބޭރުގައި ކަމަށާއި، ބައެއް ގައުމުތަކުން ރައީސް ޔާމިން ގެނެސްދިނުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކުން ރައީސް ޔާމިނާއި އެމަނިކުފާނު އާއިލާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަމާއި އިނާޔަތްތަށް ދޭން ހުށައަޅާފައިވާ ކަމަށް މުންދު ވިދާޅުވިއެެވެ. އެހެން ނަމަވެސް އުމުރު ދުވަހު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމިން ހުންނެވީ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާގޮތަށް ނޫން ކަމަށާއި އެމަނިކުފާނު އެގޮތަށް އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

"ރައީސް ޔާމިން ވިދާޅުވީ (އެކަން ބޭނުންވަނީ) 30 ގައުމުން ކަމަށް ވިޔަސް ދެން މި ވާހަކަ ނުދައްކާށޭ، ތިމަންނާ ބޭރަށް ވަޑައިގަންނަވާނެ ގޮތެއް ނޯންނާނެޔޭ މިތާގައި (ޖަލުގައި) އުމުރު ދުވަހު އޮންނަވަން ޖެހުނަސް މިތާއޭ އޮންނަވާނީ، ތިމަންނާ މީ މައުސޫމް މީހެކޭ ބޭރަށް ދާ ހިސާބުން ތިމަންނާ އެވީ އަންނި އަށޭ، ނުވަތަ ރާއްޖެއިން ބޭރަށް ދިޔައީމަ ރައްޔިތުން ދެކޭނީ ތިމަންނާ މީ މުޖުރިމެއް ކަމަށޭ، ތިމަންނާ ޖަލުން ނުކުންނާނީ ސާފު ތާހިރު މައުސޫމް މީހެއްގެ ގޮތުގައޭ." މުންދު ވިދާޅުވިއެވެ.

ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރީ ރައްޔިތުންގެ ޕްރެޝަރާއި ހެދި ކަމަށް މުންދު ވިދާޅުވިއެވެ. ރައީސް ޔާމިންގެ މައްޗަށް މަތިމައްޗަށް މައްސަލަ އުފައްދައިގެން އުޅެނީ ކީއްވެގެންކަން ވަރަށް ސާފު ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބުން މޮޅުވުމުން އެކަމުގެ އަނިޔާ ހަގީގަތުގައި އެމަނިކުފާނަށް ބޮޑުވާނެ ކަމުގައި މުންދު ވިދާޅުވިއެވެެ.

"ޔާމިން ގެއަށް މިއަދު އެ ގެނައީ ނުކުޅަދާނަ ވެގެން، ނުކުޅަދާނަވީ އަޅުގަނޑުމެންގެ މެމްބަރުން، އެނގިވަޑައިގަންނަވާނެ މަގުމަތީގައި އުޅޭ އަޅުގަނޑުމެންގެ މެމްބަރުން، ހަަމަ މިގޮތަށް ބޭރުގެ ފަރާތްތަކުން ގުޅުއްވާނެ ދެއްތޮ، އިބޫ އޭ މިހާރު އިންތިޚާބުން ވެސް ބަލިވީއޭ އެހެންވީމަ ތިޔަ ކިބުރުވެރިކަން މަތީގައި އިތުރަކަށް ކުރިއަކަށް ނުދެވޭނެޔޭ، އެެހެންނޫނީ މަނިިކުފާނުގެ ވެރިކަމުގެ ނިމުން އަންނިއަށް ވުރެ ހިތިވެދާނެޔޭ، ތިމަންމެންގެ ތަޖުރިބާ އިންނޭ މި ބުނަނީ، ހެޔޮ އެދޭތީއޭ މި ބުނަނީ، ތަންކޮޅެއް ތިރިއަށް ފައިބާ ވާދަވެރި ފަރާތްތަކަށް ޖާގަ ދީގެންނޭ." މުންދު ވިދާޅުވިއެެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، ނިމިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ އެކަން އެގޮތަށް ކޮށްދެއްވުމަށް އާއިލާގެ ފަރާތުންނާއި އިދިކޮޅުން އެދެމުންތާ އެތައް ދުވަހެއް ވެފައިވަނިކޮށެވެ. ކަރެކްޝަނުން ބުނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، މާފުށީ ޖަލުގައި މިފަހުން ފެންނަމުންދިޔަ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އެތަނުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ 500 އަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔާމިންގެ ހުކުމްގެ މައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން