ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރަން މަޝްވަރާ ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރަން މަޝްވަރާ ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ދަނީ ވަރަށް ހަލުވިކަމާއެކު އިތުރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ޞާލިޙު މިއަދުވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާކުރަމުންދާ ކަމަށެވެ.



ރާއްޖޭގައި ކޯވިޑްޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެވެސް ރާއްޖެއިން ވަނީ 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 30745 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 172 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 134 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 25068 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން