ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް މައްޗަށް ދިޔަ ސަބަބު ދެނެގަންނަށް ޖެހޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެހެން ގައުމުތަކުގައި ކޮވިޑް ބަލި އޮތް މިންވަރަށް ބަލާއިރުގައި ރާއްޖެ ވެސް މިހާރު ވަނީ ކޮވިޑްގެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ކޮވިޑް ބަލި ފެތުރެން ދިމާވެދާނެ ހަރަހާކްތަކުގެ ތެރޭގައި ހިމެނޭ، އެއްވެ އުޅުންފަދަ ހަރަކާތްތައް ހުއްޓާލަން ޖެހޭ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ. އަދި މިހާރު ކޭސްތައް އިންތިހާ ދަރަޖައިގައި އުޅޭ ސަބަބު ހޯދަން ޖެހޭ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވަނީ ކޮވިޑް ކޭސްތައް ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައި ވަނީ ކޮވިޑްގެ އާ ވައްތަރެއްގެ ސަބަބުންތޯ ނުވަތަ މީހުންގެ އުޅުމުގެ ސަބަބުންތޯ ސުވާލު އުފައްދަވާފައެވެ.

ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވެފައި ވާއިރުގައި ރާއްޖެއިން އިއްޔެ ވަނީ 508 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑްގެ ނުރައްކާތެރިކަަން ބޮޑުވުމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް ނިއްމައި މިއަދު މަޝްވަރާ ފަށާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

"ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން. ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން." ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލުކުރަން އިރުޝާދު ދީފައިވާ ކަންތައްތައް މިހާރު ގިނަ މީހުން ނުހިފަހައްޓައި، އާންމު ހާލަތުގައި އުޅޭ ގޮތަށް އުޅެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ގިނަ ބަޔަކު މާސްކް އަޅަނީ ދަތްދޮޅީގައެވެ. އަތް ދޮވެ، ސެނަޓައިޒް ބޭނުން ކުރާމަންޒަރު މިހާރު އާންމުކޮށް ނުފެންނަކަން ފާހަގަ ކުރެވެއެވެ. އަދި ޕާޓީތަކާއި ހަފުލާތަކާއި ރޯދަވީއްލުމާއި ތަރާވީސް ކެއުންތައް ބޭއްވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ފިހާރަތަކަށާއި ހޮޓޭ، ކެފޭ، ރެސްޓޯރަންޓްތަކަށް ވަދެ އުޅުމުގައި އެއްވެސް ވަރަކަށް ރައްކާތެރިކަމުގެ އުސޫލުތައް ހިފަހައްޓަމުން ނުދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން