ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގަތުމާ ގުޅޭ ގޮތުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން ބާޠިލުކޮށް އެ ކުންފުންޏަށް ނޯޓިސް ފޮނުވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގްޒެކިއުޓާސްއާ ހެލްތު މިނިސްޓްރީއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭންޖެހުނު ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދާ ފޯރުކޮށްނުދޭ ޙާލަތުގައި އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާތީ އެއްބަސްވުން ބާތިލުކުރަން ނިންމައި އެއްބަސްވުން ބާތިލުކުރި ކަމުގެ ނޯޓިސް 2 މެއި 2021 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.



ބަންޑާރަ ނައިބްގެ އޮފީހުން ބުނީ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދަލަށް ދައްކާފައިވާ ފައިސާ އަނބުރާ ސަރުކާރަށް ކުންފުނިން ދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ކުންފުންޏަށް އެޑްވާންސްކޮށް ދިން ފައިސާއާއި އަދި މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދީފިނަމަ އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސލަަ ލާން ނިންމާފައިވާ ކަމަށެވެ.



އޭޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، އެއްބަސްވުމުގައި ބުނެފައިވާ ގޮތުން މި އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ ދިވެހިރާއްޖޭގައި ހިންގާ އާބިޓްރޭޝަނަކުން ކަމަށާއި، މައްސަލަ ހައްލުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން މި މައްސަލަ ހިންގާނީ މޯލްޑިވްސް އާބިޓަރޭޝަން ސެންޓަރުގައި ކަމަށާއި، އަދި މައްސަލަ ބަލާނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން އެންމެ އާބިޓަރެއް ކަމުގައިވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެއެެވެ.

އަދި އެ މަރުކަޒުގައި ރަޖިސްޓަރީވެފައިވާ އާބިޓަރުންނަކީ ބޭރުގެ ތަޖުރިބާކާރު އާބިޓަރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ކުންފުނި ނިސްބަތްވާ އެކުވެރި ޢަރަބި އިމާރާތާއި ރާއްޖެއަކީވެސް އާބިޓްރޭޝަނާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާ ނިއުޔޯކު ކޮންވެންޝަންގެ ބައިވެރިން ކަމަށާއި، އެ މުޢާހަދާގައި ބައިވެރިވެފައިވާ އެއްވެސް ޤައުމެއްގެ އާބިޓްރޭޝަނުން ނިންމާ ގޮތެއް ދެންހުރި ޤައުމުތަކުގައި ތަންފީޒުވާނެ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް ދެފަހަރެއްގެ މަތީން ޕީޖީ ޝަމީމަށް ފޮނުވުމުންވެސް ޕީޖީ ވިދާޅުވެފައި ވަނީ އެ ތަހުގީގުން ދަޢުވާ ކުރެވޭވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ނޫނީ އުންސުރުތަކެއް ހަމަނުވާ ކަމަށެވެ. ޝަމީމުގެ މިނިންމެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ފާޑުވިދާޅުވެ ޝަމީމުގެ އިސްތުފާއަށް ގޮވާލެއްވި ފަހުން މިހާރު އެމައްސަލަ ބަލަން އުޅޭ ކަހަލަ މަންޒަރުތަކެއް ޝަމީމު ދައްކަވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން