ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.
މިހިނގާ މެއިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މެއިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެންކަމަަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މިކަމާބެހޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާގޮތުން، މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ވަނީ އަންގަވާފައެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވިދާނެ ކަމުގައި އެ ދެންނެވުމުގައިވެއެވެ.

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވިނަމަވެސް، މިދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން