ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާ މަގާމުން ވަކިކުރަައްވައި ރައީސް އޮފީހަށް ބަދަލުކުރެއްވިކަން ރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ވަނީ އަންގަވާފައެވެ. އެންގެވުން އެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ގާނޫނު އަސާސީ ބުނާގޮތުން ރައީސްގެ ވަޒީރަކަށް ހުންނެވި ބޭފުޅަކު، ކޮންމެ ވަގުތެއްގައި ވެސް ވަކިކުރުމުގެ ބާރު ރައީސަށް އޮވެއެވެ. ގާނޫނު އަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަން ރައީސަށް ފެނިއްޖެ ހިދެއްގައި އެކަން ބަޔާންކޮށް އެ އެމެމްބަރަކަށް ފޮނުވާލިޔުމަކުން އެ އެމެމްބަރަކު މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. ނަމަވެސް ޒަހާ ވަކި ކުރުމުގެ ކަންކަން ހިނގާ ދިޔައީ އެގޮތަށްތޯއެވެ؟

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޒަހާއާ ގުޅޭ ކަންތައްތަކުގައި މިވަގުތު އޭނާގެ އެއްވެސް ކޮމެންޓެއް ނެތް ކަމަށެވެ. އެ އޮފީހުގެ ވަޒީފާއަށް ޒަހާ ނުކުންނަވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވިއެވެ. ހަމަ އެއާއެކު މިއަދު ޒަހާވަނީ އޮފީހަށް ނިކުންނަވާ ރަސްމީ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ވީއިރު މިވީ ގޮތެއް މުޅިއަކުން އޮޅުން ފިލާ ގޮތެއް ނުވެއެވެ.

މީގެ ކުރިން ސަރުކާރުން އަމަލު ކުރަމުން އަންނަ އުސޫލަކީ ވަޒީރަކު ނުވަތަ އެހެން މަގާމަކަށް ބަދަލުކުރިކަން އިއުލާނު ކުރުމާއި އާ ވަޒީރުން މަގާމާ ހަވާލުވެވަޑައިގެން، ހާއްސަ ރަސްމިއްޔާތެއް ބޭއްވުމެވެ. އެކަމަކު ޒަހާ ވަކިކުރި ގޮތް ބޮޑަށް ސިފަވީ ކުއްލިއަކަށް ދިމާވި ކަމެއްގައި މީހަކު ވަޒީފާއިން ވަކިކޮށްލި ގޮތަށް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ޒަހާގެ މައްސަލާގައި ޒަހާ ނިސްބަތްވާ އެމްއާރުއެމްވެސް ހިމޭނުން އޮތުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

އެމްއާރުއެމްގެ އެތެރެކޮއިލުން މަޢުލޫމާތު ލިބޭ ގޮތުގައި ޒަހާ ވަޒީރުކަމުން ވަކިކުރިކަން ޗީފް އޮފް ސްޓާފް އެންގެވިއިރު ޕާޓީއާއި ސަރުކާރާ ދެމެދު އެކަމުގައި މާބޮޑު މަޝްވަރާތަކެއް ކުރެވިފައެއް ނުވެއެވެ. އަދި ސަރުކާރާއެކު އެމްއާރުއެމްގެ މުސްތަޤްބަލްވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ. ވަޒީރުންނަކީ ދަޢުލަތުގެ މުހިއްމު އެއް ބަހާއަށް ވާއިރު އެއީ ރައީސްގެ މޫނުތަކެކެވެ. ވަޒީރުންގެ ދުލުން އިއްވާނީ ރައީސްގެ ބަހެވެ. ވީއިރު ޒަހާ މީގެ ކުރިން ޢަމަލުކުރި ގޮތަކަށް ރިޢާޔަތްކޮށް ވަކި ކުރާނަމަ އެއީ ރައީސްގެ ފެއިލިއަރ މަތިއަޅަން ޒަހާ ޤުރުބާން ކުރުން ނޫން ކަމަކަށް ނުވާނެއެވެ.

ދެން އޮތީ ޢަލީ ޒާހިރުގެ ވާހަކައެވެ. ފޯނުކޯލުން ވަޒީރުން ވަކިކޮށް އުޅުނު ޒަމާނެއް ކައިރި މާޒީގައި ދިވެހިން ތަޖުރިބާ ކޮށްފިއެވެ. އެއީ ޤާނޫނު ދަންނަ ކަމެއް ނޫނެވެ. އެއީ ދަގަނޑު އަތުގެ ވެރިން ޢަމަލުކުރާ ފިނޑި ގޮތެކެވެ. ޖަންގަލީގެ އުސޫލެވެ. ފޯނުކޯލަކުން ކޮންމެ ކަމެއް ނިންމާލެވޭނަމަ އެއްބަސްވުންތަކުގެ ބޭނުމެއް ނެތެވެ. ޤާނޫނުގެ ބޭނުމެއް ނެތެވެ.

ޤާނޫނު އަސާސީގައިވެސް ވަޒީރުން ވަކިކުރެވޭގޮތް އޮތީ ލިޔެފައެވެ. އެއީ ޢަލީ ޒާހިރު ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަން ކުރާނީ ރައީސެވެ. ރައީސްގެ އެ "ގަޓު" ނެތް ނަމަ އެއީ އެހެން ކަމެކެވެ. ސިޓީ އަކުން ނިންމާލެވިދާނެއެވެ.

ރައީސް ޞާލިޙް ވެރިކަމަށް އިސްކޮށްފައިވަނީ ޤާނޫނުގައި އޮތް ގޮތަށް ޤައުމު ހިންގުމަށެވެ. ކުރިން މީހަކު ގޯސްކޮށް ކަންތައްތަކެއް ކޮށްފައި އޮތުމަކީ އެމަގުން އެކަން ތަކުރާރު ކުރުމަށް އޮންނަ ޢުޒުރެއް ނޫނެވެ. ޤާނޫނު ބުނަނީ އެގޮތަށެވެ.

އަދިވެސް އެހެން މިސްރާބަކުން ޢަލީ ޒާހިރުގެ ޢަމަލު ތަރުޖަމާ ކުރެވިދާނެއެވެ. މިއީ ކަނޑައެޅިގެން ޢަލީ ޒާހިރު ރައީސަށް ދެއްވި ލަނޑެއް ނޫންބާވައެވެ؟ ޢަދާލަތުގެ ރައީސް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ކާމިޔާބެއް ލިބުމުން އެކުގައި ތިބި މީހުންނަށް ދެރަދޭ ކަމަށް ބުނެފައިވެއެވެ. ޚަބަރުތައް ލިބޭ ގޮތުން އިމްރާންގެ ވަޒީރުކަންވެސް އޮތީ "ސުވާލު މާކެއް"ގެ ތެރޭގައެވެ.

އެހެންކަމުން ސަރުކާރުން ނިކުންނަން ޢަދާލަތުން ހޯދާ ޢުޒުރަކަށް ވެސް މިކަން ވެދާނެއެވެ. ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނުމަށްފަހު ޗީފް އޮފް ސްޓާފަކަށް އެމްޑީޕީގެ އިސް ބޭފުޅަކު ގެންނަ ޚަބަރެއްވެސް އުޅެއެވެ. ވީއިރު އެކަމަށް މަގުފަހި ކުރުމަށް ޢަލީ ޒާހިރު ޤުރުބާން ކުރުމަށް ޖެހި މަޅިއެއްގައި ބެދި ޢަލީ ޒާހިރު ހަފުސްވީ ކަމަށްވެސް ވެދާނެއެވެ.

ޙަޤީޤަތަކީ ޒަހާ މިހާރުވެސް ހަނާ އަޅަނީ މަސްވެރިކަމުގެ މިނިސްޓްރީގެ ތެރެއިން ކަމެެވެ. މިއަދުވެސް ފިޝަރީޒް މިނިސްޓްރީގެ ވަޒީފާއަށް ވަނީ ނިކުމެވަޑައިގެންފައެވެ. އޮފީހުގެ ބައެއް ކަންކަން ނިއްމުމުގައި ޒަހާ އެބަ އުޅުއްވައެވެ. ޒަހާ އަދި އެބަ ދިރިހުއްޓެވެ.

ނަމަވެސް މިއަދު ވަރަށް އެހެންކަހަލަ ވާހަކަފުޅެއް ވިދާޅުވިކަމަށް މިނިސްޓްރީގައި އުޅުއްވާ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

"ދެން މިތަނުން އަހަރެން މިދަނީ" އެވެ. އެކަމަކު ވަޑައިގަންނަވާ ތަނެއް އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން