ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އެއްމަހަށް ދިގު ދަންމާލައިފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.

އެހެންވެ، މާޗް 12، 2020 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ނަސީމްގެ ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށް ގަރާރުގައިވެއެެވެ.

"އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ." މިނިސްޓަރު ނަސީމް ގަރާރުގައިވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ އެޗްޕީއޭއިން މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިއްމައި އެކަން އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން