ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް އަރާފައިވާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ބަލީގެ ހާލަތު ގޯސް ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހޭ ކަމަށް ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިހާރު މިއޮތް ސާޖުގައި ހާލަތު ސީރިއަސްވާ މިންވަރު، އެޑްމިޓްކުރާ ރޭޓަށް ބެލުމުން ވެސް ފާހަގަވާ ކަމަށެެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި އެޑްމިޓްވާ މީހުންގެ މިންވަރު އިތުރުވެ، 180އިން މައްޗަށް ގޮސްފައިވާ ކަމަށް ޑރ. މުހަންމަދު އަލީ ވިދާޅުވިއެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހާލުދެރަވެގެން ދަރުމަވަންތަ އައިސީޔޫގައި 9 މީހަކު އެޑްމިޓުކޮށްފައިވާއިރު 6 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

މީގެ އިތުރުން ޑރ. މުހަންމަދު އަލީ ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް މަދުކުރުމަށް އެޅޭނެ އެންމެ ރަނގަަޅު ފިޔަވަޅަކީ ކޮވިޑްގެ ހާލަތު ގޯސް ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުން ކަމަށެވެ. ނެގެޓިވް ޕީސިއާރް ޓެސްޓެއް ހެދިނަމަވެސް އެއީ އެ ބަލި ހަށިގަނޑުގެ ތެރޭގައި ނޫޅޭނެކަމުގެ އެންމެ ފުރިހަމަ ގެރެންޓީއެއް ދޭނެ އެއްޗެއްނޫންކަން ފާހަގަކުރައްވައި ޑރ. މުހައްމަދު ވިދާޅުވީ ބަލީގެ ހާލަތު ގޯސް ގައުމުތަކުން ރާއްޖެއަށް އެތެރެވެވޭ މަގު ބަންދުކުރަންޖެހޭ ކަމަށެވެ.

 

"ގައުމަކުން ނުވަތަ ކޭސްތައް އެންމެ ގިނަ ގައުމަކުން ރާއްޖެއަށް އައުމަށް އިންނަ މަގު ބަންދުކުރުމަށް އެއީ އެއްކަންތައް، ލޮކްޑައުންގެ ކުރިން ނުވަތަ ލޮކްޑައުންއަކަށް ދިޔުމުގެ ކުރިން އެ ގައުމުތަކުން ރާއްޖެއަށް އައުން ހުއްޓުވުން އެއީ ކުރެވިދާނެ އެއްކަންތައް." ޑރ މުހަންމަދު އަލީ ވިދާޅުވިއެވެ.



ޑރ. މުހައްމަދު އަލީ ވިދާޅުވީ އެހެން ގައުމުތަކުންވެސް ކަންތައް ކުރަނީ އެގޮތަށް ކަމަށާއި މިސާލު ނަގަންޖެހެނީ ބޮޑެތި ގައުމުތަކުގެ ތަޖުރިބާއަށްވެސް ބެލުމަށްފަހު ކަމަށެވެ. އަދި މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް އެންމެންވެސް އަމަލުކުރުމާއި އެއުސޫލުތައް ރަނގަޅަށް ތަންފީޒުކުރޭތޯ ބެލުންވެސް އެއީ ކުރެވިދާނެ ކަމެއްކަން ޑރ. މުހަންމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ.

މުޅިދުނިޔެއިންވެސް ކޮވިޑް ހާލަތު އެންމެ ގޯސްތަނަކީ އިންޑިއާ ކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައިނުވާވަރަށް އިންޑީއާއިން ކޭސްތައް ފެންނަމުންދާއިރު ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ މީހުން އިންޑިޔާގައި ކޮވިޑް ބަލީގައި ދަނީ މަރުވަމުންނެވެ. ލޮކްޑައުން ކުރުމަށްފަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެސް އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދިއުމާއި އެކު އިންޑިއާއިން އަންނަ މީހުންގެ އަދަދު މިހާރު ވަނީ ދަށައް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން