ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވަނީ އައިސީޔޫގައިތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ސުވާލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިހެން ވިިދާޅުވީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު މި ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަން ކާމިޔާބު ކުރެއްވުމަށް މަސަައްކަތް ފައްޓަވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ‏ޤައުމަށް ބަލިމަޑުކަމާ ތަދުމަޑުކަން އައިސްފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ވެރިކަން ހިންގަން ދަތިކޮށް ރައީސް ސޯލިހަށް‎ ދުއްތުރާކުރުމަކީ ޤައުމާ ރައްޔިތުންނަށް ހެޔޮ އެދޭ މީހަކު ކުރާނެކަމެއް ނޫންކަމަށެވެ.



"ބޮޑުވަޒީރުކަން ކުރައްވާނީ އައިސީޔޫގަ ތޯ؟‎" ރައީސް ނަޝީދު ޓެގް ކުރައްވައި އަލްހާން ސުވާލު ކުރެއްވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް އެކަން ހުށައެޅުއްވި ނަމަވެސް ރައީސް ސޯލިހް ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. ރައީސް ވިދާޅުވީ ނިޒާމް ބަދަލުކުރާނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. މިވަގުތު އެފަދަ މަސައްކަތެއްގައި މަސްއޫލުވެވަޑައިގެން އުޅުއްވުމަކީ ރައީސް ސޯލިހް އިސްކަންދެއްވާ ކަމެއް ނޫން ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ފޯކަސް މިހާރު ހުރީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން