އެސްޓީއޯއިން މުއްދަތު ހަމަވެފައިވާ ބިސްތަކެއް އާންމު ރައްޔިތުންނަށް ވިއްކަމުންދާ މައްސަލަ ފެންމަތިވުމުން އެކަން މަތި އެޅުމަށް ތަފާތު ބަހާނާތަކެއް ދައްކަން ފަށައިފިއެވެ.

ހިންގުން ވަރަށް ބޮޑަށް މިހާރު ބޮއްސުންލާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ، އެސްޓީއޯގެ ސްޓޮކްގައި މުއްދަތު ހަމަވާން ކައިރިވެފައި ހުރި ބިސް ކޭސްތަކެއް އިއްޔެއިން ފެށިގެން ވިއްކާފައިވާއިރު، އެ ކޭސްތައް ވިއްކާފައިވަނީ 100 ރުފިޔާއަށް ކޭހެއްގެ މަގުންނެވެ.

މިއަދަށް މުއްދަތު ހަމަވާ ބިސް ކޭސްތަކެއް ވިއްކުމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު ރާއްޖޭގެ ބޮޑު ނޫހަކަށް މައުލޫމާތުދެމުން އެސްޓީއޯއިން ބުނީ ބިސް ކޭސްތަކުގެ މުއްދަތު ހަމަވިނަމަވެސް ގިނަ ބިސްތައް އަދިވެސް ރަނގަޅުވާނެކަމަށެވެ.

އެސްޓީއޯއިން އަގުހެޔޮ މިބިސްތައް ވިއްކިނަމަވެސް ގިނަ ބަޔަކު ވަނީ އެކަމާއި ޝަކުވާކޮށްފައެވެ. އެގޮތުން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކި ބިސް ކޭސްތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިވެފައި ހުރި ބިސް ހުރިކަމަށް އާއްމުން ބުންޏެވެ.

ނަމަވެސް އެސްޓީއޯއިން ބުނީ އެ ކުންފުނިން ބިސް ވިއްކުމުގައި އޮޅުވާލާފައި ނުވާކަމަށާއި ބިސް ކޭހުގެ މުއްދަތު މިއަދަށް ހަމަވާނެކަމަށް ކަސްޓަމަރުންގެ ކައިރީގައި ބުނިކަމަށެވެ. ނަމަވެސް 100 ރުފިޔާއަށް ބިސް ވިއްކާކަން އިއުލާންކުރަމުން ކުރި ޓްވީޓުގައި އެއީ މުއްދަތު ހަމަވާ ބިސްތަކެއްކަމަށް އެސްޓީއޯއިން ބުނެފައެއް ނުވެއެވެ. އަދި މުއްދަތު ހަމަވެފައިވާ ބިސްތަކެއް ވިއްކުމަށް ފަހު އާންމުންގެ ޝަކުވާ ބޮޑުވުމުން އެސްޓީއޯއިން ބުނީ އެ ބިސް ކެޔަސް ރަނގަޅު ވާނެ ކަމަށެވެ.



ފިހާރަތަކުން އަގުހެޔޮކޮށް ވިއްކާ މުދާ އާންމުކޮށް ގަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އެހެންކަމުން އެސްޓީއޯއިން ވިއްކި މިއަދަށް މުއްދަތު ހަމަވާ ބިސް ކޭސްތައްވެސް ގިނައިން ގަތީ މާލޭގައި ހޮޓާތައް ހިންގާ ބިދޭސީން ކަމަށް އެނގިފައި ވެއެވެ. އެހެންކަމުން މާލޭގައި އާންމުކޮށް ބިދޭސީން ހިންގާ ހޮޓާތަކުގައި މި ބިސް ބޭނުން ކުރާނެކަން ޔަގީންވެއެވެ.

މުއްދަތު ހަމަވެފައި ހުންނަ މުދާ ފިހާރަތަކުން ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އެސްޓީއޯއިން މުއްދަތު ހަމަވެފައިވާ ބިސް ވިއްކާފައި މިވަނީ ކުންފުންޏަށް މިފަދަ ގެއްލުން ބޮޑު އެތައްކަމެއް އާންމުން ފެންމަތިކޮށް ފާޑުކިޔަމުން ދަނިކޮށް މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުންފުނީގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް ގިނަ ބައަކު ތުހުމަތުކުރާއިރު އާންމުކޮށް ކޮންމެ ރޯދަމަހެއްގައި ރައްޔިތުންނަށް އަގުހެޔޮކޮށް ވަރަށް ފެންވަރު ރަނގަޅު މުދާ ފޯރުކޮށްދޭ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ހަރުތައް ވަރަށް ނިކަމެތިވެ، މުދާ މުޅިންހެން ހުސްވެފައިވާކަން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ވެސް ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން