ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ގެނަސްފައިވާ ކަރަންޓް ކޭބަލްތައް ގެއްލުނު މައްސަލަ ބަލަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ކޭބަލްތައް ގެއްލިފައިވާކަން ކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއެކު ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސާއި ގުޅިގެން މައްސަލަ ތަޙުޤީގުކުރެވެމުންދާކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މައްސަލަ ތަޙުޤީގުކޮށް މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށާއި މި ކަމުގައި އެކޯޕަރެޝަންގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާއި މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މީގެއިތުރުން، ހުޅުމާލެ ފޭސް 2 ގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ޙިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާނެކަމުގައި އެޗްޑީސީން ބުނެއެވެ.

ނަމަވެސް ހުޅުމާލެ ފޭސް 2 ހިޔާ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު މިފަދަ ކަމަކާއި ކުރިމަތިވުމަކީ މިކަމުގެ ސަބަބުން މިމަޝްރޫޢު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމުގައި އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ގެނެވިފައިވާ ކަރަންޓް ކޭބަލްތައް ގެއްލުނު މައްސަލަ ފެންމަތިވެފައިވާއިރު، މިކަމުގައި އެޗްޑީސީ މުވައްޒަފުންގެ އިހުމާލު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން