ރިޝްވަތު ހުށައެޅުން ކުށެއް ކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅައި އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް މި ގެނަވި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ޤާނޫނަށް ގެނައި އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އުޞޫލުތައްވެސް މި އިޞްލާޙުގައި ހިމަނާފައި ވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކޮށް އެ އިސްލާހަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އުވޭނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރުމާއި ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން