ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަކީ ބޮޑު ޖޯކަކަށް ހަދައި އެ އެޖެންސީގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލީ ރައްޔިތުންގެ މަޖިލީހުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބުރައީސް، ރީކޯ މޫސާ މަނިކު ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ރާއްްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުން ސިޔާސީ ކަންކަމާއި ގުޅުވައިގެން ގިނަ ސުވާލު ތަކެއް އުފައްދަވާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ވެރިން ބޭނުންވާ އިންތިހާބު ބޭއްވިއްޖެތޯއާއި، މުޒާހަރާވެސް ކުރެވިއްޖެތޯ މޫސަ ސުވާލު ކުރެއްވިއެވެ.

"ރައްޔިތުންގެ މަޖްލީހުން އެޗްޕީއޭއަކީ ބޮޑު ޖޯކަކަށް ހަދައި ރައްޔިތުންގެ ކުރިމަތީގައި އަގުވެސް ވައްޓާލެވިއްޖެ؟" މޫސަ ސުވާލު ކުރެއްވިއެެވެ.

މީގެ އިތުރުން ރީކޯ މޫސަ ވަނީ އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންގެ ފުރާނަޔަށް އިހުތިރާމުކުރަން އާދޭހާއެކު އިލްތިމާސް ކުރައްވާފައެވެ.

"އިދިކޮޅަކަސް އެއްކޮޅަކަސް އާދޭހާއެކު ދަންނަވަން، ރައްޔިތުންގެ ފުރާނައަށް އިހުތިރާމް ކުރައްވާ! ތަންތަނަށް އެއްނުވޭ." ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ކަމާއި ލ. އަތޮޅު މެމްބަރު ކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާތެރި ތިންވަނަ ރާޅާއި ދިވެހިން ކުރިމަތިލާފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް މިހާރު ވަނީ ފުރިފައެވެ. ހުޅުމާލެ މެޑިކަލް ފެސިޓީގައިހުރި 171 އެނދު މިހާރު ފުރިފައިވާއިރު ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުރި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެގެންދިޔައީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ދޫކޮށްލައި ލުއިތައް ދިން ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން