ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައިގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

"ރަސް" އޮންލައިންއަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ގަރާރަކީ އެމްއެމްޕީއާރުސީގެ ފައިސާ އަނބުރާ ހޯދުމާއި ގުޅޭ ގަރާރެއްކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން މި ގަރާރުގައި ސޮއިކޮށްދެއްވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން އަލުން އިންތިހާބުކުރާއިރު އަޅުގަނޑަށް ފެންނަ ގޮތުގައި އެމްޑީޕީގެ މެމްބަރުން ބަލަން ބޭނުންވާ އެއްކަމަކި އެމްޑީޕީގެ އެންމެ މުހިއްމު ވައުދު؛- އެމްއެމްޕީއާރުސީގެ ފައިސާ ހޯދުން:- މި ވައުދު ފުއްދުމުގައި ގައުމީ މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވާ މިންވަރު." ރައީސް ނަޝީދު ފޮނުއްވި މެސެޖުގައިވެ އެވެ.

"މި ގަރާރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް މިޕާޓީގެ ގައުމީ މަޖިލީހަށް އަހުރެން ހުށައަޅާ ގަރާރެކެވެ." ރައީސް ނަޝީދުގެ ގަރާރުގައި ވެއެވެ.



އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެއްވެސް ފަރާތަކަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ ގަރާރެއްވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން