ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓްކޮޅެއް ލިބުނީ ވައްކަމާއި ވެންޓިލޭޓަރުގެ ޚިޔާނާތުގެ ވާހަކަ ދައްކައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީއަށް ލިބުނު ވޯޓްކޮޅުވެސް ލިބުނީ ވައްކަމާއި ވެންޓިލޭޓަރުގެ ޚިޔާނަތުގެ ވާހަކަ ދައްކައިގެން ކަމަށެވެ.

"އެވާހަކަ ނުދެއްކިނަމަ އަޅުގަނޑުމެންނަށް ލިބުނު ވޯޓްކޮޅުވެސް ނުލިބުނީސް" ރައީސް ނަޝީދު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އިންތިޚާބުން ލިބުނު ނާކާމިޔާބީގެ ޒިންމާ އެމަނިކުފާނު ނަންގަވަންޖެހޭ ކަމަށް ގިނަ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައިގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު އިސްވެ ގައުމީ މަޖިލީހަށް ހުށައަޅާ ގަރާރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިޔާނާތުގެ ފައިސާ ހޯދުމަށް ބޭރުގެ މާހިރުން ގެނައުމުގެ ބޭނުމަކީ އެމްޑީޕީގެ ފަރާތުން ވެސް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އައިސްކްރީމް ބޯން ހޭދަކުރި ފައިސާ ނޫން އެެހެން ހުރިހާ ފައިސާއެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. އެފަދަ ތަހުގީގެއް ހިންގޭ ފަދަ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމް ކުރެވެންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ފަހަރުގަ މިސާލަކަށް އައިސްކްރީމަށް ދިޔަބައި ނުގެނެވިދާނެ. އެހެން ނަމަވެސް ފްލެޓް ގެންފަ ހުރިނަމަ އެ ފައިސާ ހޯދޭނެ. އަދި އެހެން ކަންކަން ވެސް ހޯދޭނެ. ގެއްލިފަހުރި ފައިސާއެއް ވެއްޖިއްޔާ ދެން ހުރި ހަރުމުދަލެއް ވިއްކައިގެން ވެސް އެ ފައިސާ ހޯދޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން