މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި ސިނަމާތައް ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމުގައި، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅު) ގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި، ސިނަމާތަކާއި ސެލޫންތައް ބަންދު ކުރުމަށް އަންގާފަ އެވެ. އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަމަނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެކަމަނާ އަންގަވާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްދިވެހި ފުލުހުންގެ ހިދުމަތުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް މަައިމޫނާ ވަނީ އަންގަވާފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 734 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މީހުން އިތުރުވާތީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 21:00އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 6،033 އަށް އަރައިފައިވާއިރު ބަލި ޖެހިގެން މިވަގުތު ހޮސްޕިޓަލުގައި 173 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން