ސަރުކާރުން ކޮންމެހެން ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދޭން ނުޖެހޭކަމަށް ވިދާޅުވެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ނަޒީހާ އަހްމަދު ގިނަ ސުވާލުތަކެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ ނަޒީހާ މިމޭރުމުން ވިދާޅުވީ އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދުގެ އަނބިކަބަލުން ނަޒީހާ ވިދާޅުވީ އަވަށްޓެރި ޤައުމުތަކުގައި ކޮވިޑު-19 ޖެހިގެން މީހުން މަރުވަމުންދާ ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ރަނގަޅަށް ކޮވިޑު-19 މެނޭޖު ނުކުރެވުމުން ކަމަށެވެ.

އަދި ދިވެހިންނަށް ވެކްސިން ލިބުމަކީ ދިވެހިންގެ ނަސީބެއް ކަމަށާއި ސަރުކާރުން ކޮންމެހެން ވެކްސިން ފޯރުކޮށްދޭން ނުޖެހޭކަމަށް ނަޒީހާ ވިދާޅުވިއެވެ. ނަޒީހާ ވިދާޅުވީ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމަށް ދުށް ނަމަވެސް ފަރުދީ ޒިންމާ އަދާކުރެވޭތޯ ބަލަންޖެހޭ ކަމަށެވެ.

މިގޮތުން ގައިދުރު ކުރުމާއި، އަލާމާތްތައް ފެނުމުން އެކަހެރި ވުމާއި، އަތް ދޮވުން ފަދަ ކަންކަން އަމިއްލައަށް ކުރެވޭތޯ ސުވާލު ކުރުމަށް ނަޒީހާ ވަނީ އެދިވަޑައިގެންފަައެވެ. އަދި އެކަންކަން ކުރާ މީހުންގެ ތެރޭގައި ނުހިމެނޭނަމަ ދެން ކުރާކަަމަކީ އެކަންކަން ނުކޮށް ކޮވިޑު-19 ގެ ނަންބަރުތައް ގިނަވަމުންދާތީ ޝަކުވާކުރުންތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ނަޒީހާ މިހެން ވިދާޅުވި ނަމަވެސް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުން ބަލިން ރައްކާތެރިކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާ އެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަޒީހާގެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން