ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް މިރޭ ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިރޭ ދިވެހި ގައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިހަަމަލާ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ސަރުކާރުން ހޯއްދަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު އިތުރު އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް، މި ޖަރީމާ ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެމަނިކުފާނު މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ ރާއްޖޭގެ އިގްތިސާދާއި ޑިމްކޮރަސީއަށް ދިން ހަމަލާއެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

"މިފަދަ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގައެއް ނުލިބޭނެ." ރައީސް ސޯލިހް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން