ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކާއި ގުޅިގެން ކުރެވުނު އޮޕަރޭޝަންތައް ކާމިޔާބުކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާދެމުންދާއިރު އެ ހޮސްޕިޓަލުން ބުނީ މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާކަމަށެވެ. އަދި ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. އޭޑީކޭއިން ބުނީ ނަޝީދުގެ މުހިއްމު ސާޖަރީއެއް ހެދުން އަދިވެސް ކުރިއަށް އެބައޮތްކަމަށެވެ.

މިހަމަލާގައި ރައީސް ނަޝީދުގެ ފުރަމޭއާއި ފުއްޕާމެއަށްވެސް ވަނީ ގޮއްވާލި އެތިން ބުރައިގެން ދިޔަ އެތިކޮޅުތަކުން ގެއްލުންވެފައިކަމަށް މައުލޫމާތު ލިބެއެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވައިގެން ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާދީފައިވަނީ ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށް ގޮއްވާލައިގެންނެވެ.

މިހަމަލާގެ ތަހުޤީޤް މިހާރު ކުރިއަށްދާއިރު، ސަރުކާރުން ދަނީ ތަހުޤީޤަށް ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް، މި ޖަރީމާ ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެމަނިކުފާނު މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން